ޑްރައިވަރަކާމެދު މަސްތުގެ ތުހުމަތުކޮށް ފުލުހުން އަމަލުކުރި ގޮތް ރިވިއު ކުރަނީ

ޝަހީދު ހުސައިން އާދަމް ބިލްޑިން:ޑްރައިވަރަކާ މެދު މަސްތުގެ ތުހުމަތުކޮށް ފުލުހުން އަމަލުކުރި ގޮތް ރިވިއު ކުރަނީ -- ސަން ފޮޓޯ/ ނާޢިޝް ނާހިދު

މަސްތުގެ ހާލަތުގައި ވޭނެއް ދުއްވި ކަމުގެ ތުހުމަތުވާ ޑްރައިވަރަކާމެދު ފުލުހުން އަމަލުކުރި ގޮތް ރިވިއުކުރަން ފަށައިފިއެވެ.

ސްޓްރޯކެއް ޖެހިފައިވާ މީހަކަށް މަސްތުގެ ތުހުމަތުކޮށް ފުލުސް އޮފީހުގައި ހަ ގަޑިއިރު ވަންދެން ބެހެއްޓި ކަމަށް ބުނާ ވާހަކައެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

މިކަމާ ގުޅުވައި ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ މަސްތުގެ ހާލަތުގައި އިން މީހަކު އުޅަނދެއް ދުއްވާކަމުގެ މައުލޫމާތު އިއްޔެގެ 10:13 ހާއިރު ފުލުހުންނަށް ލިބިފައި ވާކަމަށެވެ.

އަދި މި މައްސަލައިގެ މައުލޫމާތު ސާފުކުރި އިރު، އެމީހާ ދުއްވި ވޭން ހުޅުމާލޭ ފިތުރޯނުމަގުން އަރިމައްޗަށް އަރައި އެކްސިޑެންޓު ވެފައި ވާކަން ފާހަގަކުރެވިފައި ވާކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލައާ ގުޅިގެން އިތުރަށް މައުލޫމާތު ސާފުކުރުމުން އެ އުޅަނދު ފޭސް ދެއަކާއި އެކެއް ގުޅުވައިދޭ ބްރިޖުގެ ޑިވައިޑަރުގައި ޖެހި އެކްސިޑެންޓް ވެފައި ވާކަން އެނގިފައި ވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން އެ އުޅަނދު ދުއްވަން އިން ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުޑަކަމުދާ ތަކެތި ތަހުލީލުކުރުމުން ނެގެޓިވް ވުމުން އެމީހާ ދޫކޮށްލާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އަމުރުކޮށްފައިވާ ގޮތް ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށާއި އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ހިނގާފައި ވާނަމަ ނުވަތަ އިހުމާލެއް ވެފައި ވާނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅެއްނަމަ އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ ޑްރައިވަރަށް ސްޓްރޯކެއް ޖެހިފައިވާކަން އައިޖީއެމްއެޗުން ކަށަވަރުކޮށްދިން ކަމަށެވެ. ފުލުހުން އެ ވޭން ޓޯކޮސްފައި ވާކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް