ރައްޔިތުން ބޭނުންވިފަދަ މިނިވަން، އިންސާފުވެރި، ހާމަކަންބޮޑު އިންތިހާބެއް ބޭއްވިއްޖެ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވިތާ، 10 ދުވަސް ފަހުން އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅި ޝަކުވާތަކަށް ބަލާއިރު، ގިނައީ ވޯޓު ގުނުމާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާތައް ކަމަށެވެ. އަދި އެ މައްސަލަތަކުގެ ތެރެއިން އެންމެ މައްސަލައެއް ފިޔަވައި އިންތިޚާބުގެ ނަތީޖާއަށް އަސަރުކުރާ ވަރުގެ ޝަކުވާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑުމެން ގަބޫލު ކުރަނީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުން ބޭނުންވެގެން ތިބިފަދަ މިނިވަން ހާމަކަންބޮޑު އިންތިޚާބެއް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދެވިއްޖެ ކަމަށް،" އަކުރަމް ވިދާޅުވިއެވެ.
ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު 116 މައްސަލަތަކުގެ ތެރެއިން ނުނިމި ވަނީ އެންމެ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ވިދާޅުވީ މިއީ ނިސްބަތުން އެންމެ މަދުން ޝަކުވާ ހުށަހެޅުނު އިންތިޚާބު ކަމަށެވެ.
މިފަހަރުގެ އިންތިޚާބާ ގުޅޭ ޖިނާއީ ތިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަންގެ މެމްބަރު އަކުރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ތަހުގީގު ކުރިއަށްދާތީ ޝަކުވާތަކުގެ ތަފްސީލު ހާމަކުރެވެން ނެތް ކަމަށެވެ.