ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ކުންފުނި "ފިޗް ރޭޓިންގްސް" ރާއްޖެއަށް ދީފައިވާ ބީ ޕްލަސް ރޭޓިން އަކީ ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ގައުމަކަށް ބަލާއިރު ވަރަށް ފުރިހަމަ ރޭޓިން އެއް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ ހުރީ 30 ޕަސެންޓަށްވުރެ މަތީގައި ކަމަށާއި އެހެން ކަމުން، ދައުލަތުގެ ދަރަނި ދެއްކޭނެ ފެންވަރު ގައުމުގައި އެބަހުރި ކަމަށް ފިޗްގެ ރިޕޯޓުތަކުން ދައްކާ ކަމަށެވެ. އަދި ޖީޑީޕީގެ މިންވަރު އިތުރުވަމުންދާއިރު ފޮރިން ޑައިރެކްޓް އިންވެސްޓުމެންޓުތައް ރާއްޖެއަށް ވަންނަ މިންވަރުވެސް އިތުރު ވަމުންދާ ކަން ފިޗް އިން ފާހަގަކޮށްފައިވާކަންވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެމްއެމްއޭގެ ރިޕޯޓުތަކާއި ފިނޭންސްގެ ރިޕޯޓުތަކަށް ބަލާފަ އެބޭފުޅުން އެ ބުނަނީ އަޅުގަނޑުމެންގެ ތެރޭގައި ހިރާސްތަކެއް ހުރި ނަމަވެސް ރާއްޖޭގަ އެބަހުއްޓޭ އަޅުގަނޑުމެންނަށް ރަނގަޅު ކުރެވޭނެ، މެނޭޖެ ކުރެވޭނެ ލެވެލްއަށް ރިޒާވްވެސް އަދި އަޅުގަނޑުމެންގެ ތެރޭގަ ޑޮލަރުވެސް އެބަހުއްޓޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މައިގަނޑު ގޮތެއްގައި ފިޗް އިން ފާހަގަކޮށްފައި ހުރީ ޕޮޒިޓިވް އެސްޕެކްޓުގެ ކަންކަން ކަމަށެވެ. އަދި ބީ ޕްލަސް ކްރެޑިޓް ރޭޓިން ލިބުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ރާއްޖޭގެ ޕްރައިވެޓް ސެކްޓާއާއި ބޭންކިން ސެކްޓާއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މުނައްވަރު ވިދާޅުވި ގޮތުގައި އެ ރޭޓިންގެ ސަބަބުން އިންވެސްޓުމެންޓު ހޯދަން ރާއްޖެއަށް ފަސޭހަވެގެންދާނެ އެވެ.
"ޖުމްލަކޮށް އަޅުގަނޑު ދަންނަވާނީ މި ގެނެވުނު އިގްތިސާދީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިގެން މިދިޔަ ރޭޓިން އަކީ ވަރަށް ރަނގަޅު ރޭޓިން އެއް. ސަރުކާރާއި މިނިސްޓްރީގެ މަގްސަދަކީ މި ރޭޓީން އިތުރަށް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ކުރުން،" މުނައްވަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރަހައްދީ ގައުމުތަކުގެ ކްރެޑިޓް ރޭޓިންވެސް އުޅެނީ ރާއްޖެއާ އެއް ހަމައެއްގައި ކަމަށާއި ރާއްޖެ ފަދަ ތަރައްގީ ވަމުންދާ ގައުމަކަށް ބަލާއިރު، ފުރަތަމަ ފިޔަވަޅަކަށް އެ ރޭޓިން އަކީ ވަރަށް މުހިއްމު އަދި ފުރިހަމަ ރޭޓިން އެއް ކަމަށެވެ.
ފިޗްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ރާއްޖެއަށް ދީފައި ވަނީ ބީ ޕްލަސް ރޭޓިންގް އެވެ. މި ރޭޓިންގްގެ ދީފައި ވަނީ ދިގު މުއްދަތުގައި ދިވެހި ފައިސާ އަދި ބޭރުގެ ފައިސާގެ އިޝުއާ ޑީފޯލްޓް ރޭޓިންގްއަށް ބަލައިފައެވެ. ބީ ޕްލަސް ރޭޓިންގްގެ މާނައަކީ މާލީ ގޮތުން ހާސިލުކުރަން ޖެހޭ ކަންކަން ހާސިލުވަމުންދާ ކަމާއި މާލީ ގޮތުން ރައްކާތެރިކަން ކަމެވެ. އެހެން ނަމަވެސް ވިޔަފާރީގެ މާހައުލުގައި ކޮންމެވެސް ވަރެއްގެ ރިސްކެއް އޮތް ކަމެވެ.
އަދި ރާއްޖެއަށް ބީ ޕްލަސް ރޭޓިންގް ދިނީ ރާއްޖޭގެ ޖީޑީޕީ ކުރިއަރަމުން އައުމުން އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ސަބަބުން ސަރުކާރުގެ އާމްދަނީ އިތުރުވާތީ އެވެ. އެހެން ނަމަވެސް އެންމެ ސިނާއަތަކަށް މާ ބޮޑަށް ބަރޯސާވުމަކީ ނުރައްކާތެރިކަމެއް ކަމަށް ފިޗްއިން ފާހަގަކުރި އެވެ.
ރާއްޖޭގެ ދައުލަތުގެ ދަރަނި ދަށްކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުން ދާ ކަން ފިޗް އިން ފާހަގަކުރިއެވެ. އެގޮތުން ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދަރަނީގެ ނިސްބަތް 7.4 ޕަސަންޓުން 0.5 ޕަސަންޓަށް ދަށްކުރުމަށް ކަމަށާއި އެހެން ނަމަވެސް މި އަހަރުގެ ޑެފިސިޓް ޖީޑީޕީގެ 4.3 ޕަސަންޓަށް ދަށްކުރަން ޖެހޭކަމަށް ފިޗްއިން ބުންޏެވެ.
މީގެ އިތުރުން އެފަރާތުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ސަރުކާރުގެ ދަރަނީގެ ނިސްބަތް މިއަހަރު ހުންނާނީ 72.3 ޕަސަންޓުގައި ކަމަށާއި 2020 ވަނަ އަހަރު އެ ނިސްބަތް 70.0 ޕަސަންޓަށް ދަށްވާނެ ކަމަށެވެ.