ތިން ކެންޑިޑޭޓުން ހޮވަން މަޑިފުށި ކައުންސިލްގެ ދެވަނަ ބުރެއް ބާއްވަން ނިންމައިފި

މޭ 6، 2017: ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތަށް ގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތ. މަޑިފުށީ ކައުންސިލަށް ތިން ކައުންސިލަރުން ހޮވުމަށް އެ ކައުންސިލްގެ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް މިއަދު "ސަން" އަށް ވިދާޅުވީ މަޑިފުށީ ކައުންސިލްގެ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ނިންމީ އެ ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެން އެ މައްސަލަ ބެލުމަށްފަހު ކަމަށެވެ.

މަޑިފުށީ ކައުންސިލަށް ވޯޓުލުމަށް އެހެން ކައުންސިލެއްގެ ވޯޓު ކަރުދާހެއް ވޯޓުލާން ދިޔަ މީހަކަށްދީފައިވާއިރު، އެ ކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރި ކެންޑިޑޭޓުން ހޮވުނީ އެއް ވޯޓުގެ ތަފާތަކުންނެވެ.

މަޑިފުށީ ކައުންސިލަށް ހަތް ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، ދެވަނަ ބުރު ބާއްވަނީ ހަތަރު ކެންޑިޑޭޓުންގެ މެދުގައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ނަތީޖާ ދައްކާގޮތުން މަޑިފުށި ކައުންސިލްގެ އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމްގެ ދެ ކެންޑިދޭޓަކާއި އެމްޑީޕީގެ ކެންޑިޑޭޓެކެވެ.

އިންތިޚާބު ކާމިޔާބުކުރި ޕީޕީއެމްގެ ކެންޑިޑޭޓް އައްބާސް އަހުމަދާއި އަލީ ހަސީނަށް ލިބިފައި ވަނީ 389 ވޯޓެވެ. އިންތިޚާބު ކާމިޔާބުކުރި އެމްޑީޕީ ކެންޑިޑޭޓު ހަސަން އަބްދުﷲ އަށް ލިބިފައި ވަނީ 388 ވޯޓެވެ.

އިންތިޚާބުން ނާކާމިޔާބުވި ޕީޕީއެމް ކެންޑިޑޭޓަށް ލިބިފައި ވަނީ 387 ވޯޓެވެ.

އެ އިންތިޚާބުން ނާކާމިޔާބުވި އެމްޑީޕީ ކެންޑިޑޭޓް އަހުމަދު ނަސީމަށް 356 ވޯޓު ލިބުނުއިރު، ބަލިވި އެމްޑީޕީގެ އަނެއް ކެންޑިޑޭޓް އަހުމަދު އާދިލް އަށް ލިބުނީ 357 ވޯޓެވެ.

އަމިއްލަގޮތުން ވާދަކުރި އަލީ ރަޝީދަށް ލިބުނީ ނުވަ ވޯޓެވެ.

comment ކޮމެންޓް