މަޖިލިސް އިންތިޚާބުގެ ރަސްމީ ނަތީޖާ އީސީން އިއުލާނު ކުރަން ފަށައިފި

މަޖިލީސް އިންތިޚާބުގެ ވޯޓުލުން -- ސަން ފޮޓޯ/ މޫސާ ނަދީމް

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު އިއުލާނު ކުރަން ފަށައިފިއެވެ.

އިންތިޚާބު ނިންމާ ހަތް ދުވަސްތެރޭ އީސީއަށް ރަސްމީ ނަތީޖާ އިއުލާނު ކުރަން ޖެހޭނެއެވެ. އީސީން ބުނީ ރަސްމީ ނަތީޖާ އިއުލާނު ކުރަންފެށީ، އަލުން ވޯޓު ގުނަންޖެހޭ ހާލަތެއް ދިމާވެފައި ނުވަތީ ކަމަށެވެ.

އީސީން ވަނީ ހޯމަ ދުވަހުގެ ރޭ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފައެވެ. އެގޮތުން އީސީން ހާމަކުރި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން:

  • ޕީއެންސީއަށް ލިބިފައި ވަނީ: 66 ގޮނޑި
  • އެމްޑީޕީއަށް ލިބިފައި ވަނީ: 12 ގޮނޑި
  • އަމިއްލަ ގޮތުން ވަދަކުރި ކެންޑިޑޭޓުންނަށް ލިބިފައި ވަނީ: 11 ގޮނޑި
  • އެމްޑީއޭއަށް ލިބިފައި ވަނީ: ދެ ގޮނޑި
  • ޖުމްހޫރީ ޕާޓީއަށް ލިބިފައި ވަނީ: އެއް ގޮނޑި
  • އެމްއެންޕީއަށް ލިބިފައި ވަނީ: އެއް ގޮނޑި

އެ އިންތިޚާބުގައި ވަނީ 93 ދާއިރާއަށް މެންބަރުން ހޮވާފައެވެ. އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު ދެ ލައްކައަށް ވުރެ ގިނައެވެ.

ޖުމުލަ 90 ދާއިރާއަކަށް ސަރުކާރު ޕާޓީ ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ. އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.

މިދިޔަ މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ ވެސް ކާމިޔާބުކުރީ އޭރު ވެރިކަންކުރި ޕާޓީއެވެ. އެ ފަހަރުގެ އިންތިޚާބުގައި 75 އިންސައްތައާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ހޯދީ އޭރު ވެރިކަމުގައި އޮތް އެމްޑީޕީންނެވެ. އެ ޕާޓީން ޖުމުލަ 65 ގޮނޑި އެ އިންތިޚާބުގައި ކާމިޔާބުކުރިއެވެ. އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް/ޕީއެންސީއަށް އެ އިންތިޚާބުގައި ކާމިޔާބުކުރެވުނީ އަށް ގޮނޑިއެވެ.

comment ކޮމެންޓް