މާޒިޔާ ބަލިކޮށް، ޖުވެނައިލުން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި

ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ނައިފަރު ޖުވެނައިލް: އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މާޒިޔާ ބަލިކޮށްގެން --- ފޮޓޯ/ ވީއޭއެމް

ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގެ ފައިނަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، ނައިފަރު ޖުވެނައިލުން ޗެމްޕިއަންކަން ހޯދައިފި އެވެ.

ޖުވެނައިލުން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ދެވަނަ ޑިވިޝަންގެ ފައިނަލުގައި ސީދާ ތިން ސެޓުން މާޒިޔާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ރޭ ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށް ފަހު 26-24 އިން ޖުވެނައިލް ގެންދިޔަ އިރު، އެ ޓީމުން ދެވަނަ ސެޓު ގެންދިޔައީ 25-22 އިންނެވެ. ޖުވެނައިލުން މެޗު ކާމިޔާބުކުރީ 25-20 އިން ފަހު ސެޓު ގެންގޮސްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޖުވެނައިލްގެ އައިމިނަތު އަރީޝާ އެވެ.

މާޒިޔާ އިން ފައިނަލުގެ ޖާގައެއް ހޯދާފައި ވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޖުވެނައިލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. މާޒިޔާ އަތުން ސެމީގެ ފުރަތަމަ މެޗުގައި ބަލިވި ނަމަވެސް، ޖުވެނައިލުން ވަނީ ސެމީގެ ތިންވަނަ މެޗުގައި ސީ ލައިފްގެ މައްޗަށް ކުރި ހޯދައިގެން ފައިނަލުގެ ޖާގައެއް ހޯދައިފަ އެވެ.

ޖުވެނައިލްއާއި މާޒިޔާގެ އިތުރުން ދެވަނަ ޑިވިޝަންގައި ދެން ވާދަކޮށްފައި ވަނީ ސީ ލައިފް ސްޕޯޓްސް ކްލަބާއި ސެންސް އާއި ސްޕޯޓްސް ކްލަބު ހޯކްސް އަދި އައްޑޫ ސްޕޯޓްސް ކްލަބެވެ.

comment ކޮމެންޓް