ކޯޗާ ޒުވާބުކުރުމަށް ފަހު، ބާސާ ދޫކޮށްލަން ޖެހިދާނޭ ކަށްމަށް ނޭމާ ބުނެފި

ބާސެލޯނާގެ އެސިސްޓެންޓް ކޯޗު ކާލޯސް އުންޒުއޭ، އެޓީމުގެ ބްރެޒިލް ތަރި ނޭމާއަށް އިރުޝާދުދެނީ -- ފޮޓޯ: އޭއެސް

ބާސާގެ ފަރިތަކުރުންތަކުގެ ތެރޭގައި، އެޓީމުގެ އެސިސްޓެންޓް ކޯޗު ހުއާން ކާލޯސް އުންޒުއޭއާ މެދު ހިތްހަމަ ނުޖެހިގެން، ޓީމު ދޫކޮށް ހިނގައިދާނޭ ކަމަށްބުނެ އެޓީމުގެ ބްރެޒިލް ފޯވާޑް ނޭމާ، ވަރުގަދަ އިންޒާރެއް ދީފިއެވެ.

ރިޕޯޓުތައް ބުނާގޮތުން މިހަފްތާގެ ތެރޭގައި ބާސާގެ ފަރިތަކުރުންތަކެއް ކުރިއަށް ދިޔަ ވަގުތު ނޭމާއާ ކޯޗު އުންޒުއޭއާ ދެމެދު ވަނީ ހޫނު ޒުވާބެއް ހިނގައިފައެވެ. އެ ޒުވާބު ހިނގަން މެދުވެރިވީ، ބްރެޒިލްގެ ކުރީގެ ރޮނާލްޑީނިއޯގެ ބާސާއަށް ކުޅުނު ދުވަސްވަރު، އޭނާ އެކަށީގެންވާވަރަށް ފަރުވާތެރިކަން ނުބެހެއްޓުމުން ކަންދިމާވިގޮތް މިސާލަކަށް ނަގައިގެން އުންޒުއޭ ވާހަކަދެއްކުމުންކަމަށްވެއެވެ.

އަދި މިހާރަކަށް އައިސް ނޭމާ، ކުޅުމުންބޭރުގައި އަމަލުތައް ބަހައްޓާގޮތުން އޭނާގެ ފުޓްބޯޅަ ކެރިއަރަށް ގެއްލުންވެދާނޭކަމަށް ބުނެ އުންޒުއޭ ދެއްކި ވާހަކަތައް ނޭމާއަށް މާ ގަޔާވާ ވާހަކަތަކަކަށް ނުވުމުގެ ނަތީޖާއަކަށްވީ، އެންމެ ފަހުން އޭނާގެ ރުޅި ކޮންޓްރޯލުން ނެއްޓި "ރަތަށް"އެރުމެވެ.

"އޭނަ [އުންޒުއޭ] މަޑުކުރާނަމަ، އަހަރެން ދާނީ،" ރުޅިއައިސް ރަތްވެހުރެ، ނޭމާ ބުނިކަމަށްވެއެވެ.

ލުއިސް އެންރީކޭގެ ބަދަލުގައި ބާސާގެ ކޯޗުކަމާ ހަވާލުވާނޭކަމަށް އެންމެ ބޮޑަށް އަޑުފެތުރިފައިވާ އެޓީމުގެ އެސިސްޓެންޓް ކޯޗު އުންޒުއޭއަށް މިހާރުވެސް ކްބަލުގެ ގިނަ ކުޅުންތެރީންނާއި މެނޭޖްމަންޓުގެ ވެސް އިތުބާރު ލިބިފައިވީ ނަމަވެސް، ނޭމާއާ ދެމެދު ހިނގި ޒުވާބަށްފަހު، އެ ކްލަބު ތެރޭގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް ވެއެވެ.

ސްޕެއިންގެ 21 އަހަރުންދަށުގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އުންޒުއޭ ވަނީ ބާސާ، އޮސަސޫނާ އަދި ސެވިއްޔާގައިވެސް ކުޅެފައެވެ.

މިހާރު އުމުރުން 50 އަހަރުގެ އުންޒުއޭ ބާސާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާތާ ދެއަހަރު ވެއްޖެއެވެ. އަދި ލުއިސް އެންރީކޭގެ އިރުޝާދުގެ ދަށުން ބާސާގެ ކުޅުމުގެ ސްޓައިލަށް ގެނެސްފައިވާ ބަދަލުތަކުގައި އުންޒުއޭގެ ބޮޑު ހިއްސާއެއް ވެއެވެ.

comment ކޮމެންޓް