މަލާގާ މެޗުގައި ދެއްކި ރަތްކާޑުން އިބްރަތެއް ހާސިލްވެއްޖެ: ނޭމާ

ސްޕެނިޝް ލީގުގައި ބާސެލޯނާއާ މަލާގާ ކުޅުނު މެޗުގައި ނޭމާއަށް ރަތްކާޑުދައްކައި ދަނޑުން ފޮނުވާލަނީ -- ފޮޓޯ: ޑެއިލީޕޯސްޓް

ބާސެލޯނާއާއި މަލާގާ އެންމެ ފަހުން ކުޅުނު ލީގު މެޗުގައި ބާސާގެ ބްރެޒިލް ތަރި ނޭމާއަށް ރަތްކާޑު ދެއްކި ހާދިސާއިން އިބްރަތެއް ހާސިލްވެއްޖެ ކަމަށް އޭނާ ބުނެފި އެވެ.

މަލާގާ މެޗުގައި ނޭމާ އަށް ދެއްކި ރަތްކާޑާ ގުޅިގެން އޭނާ ވަނީ ތިންމެޗަށް ސަންޕެންޑުކޮށްފަ އެވެ. އަދި އެ ސަސްޕެންޝަންގެ ސަބަބުން، ރެއާލްގެ ދަނޑުގައި އެންމެ ފަހުން ކުޅުނު އެލް ކްލެސިކޯ މެޗުން ނޭމާއަށް ފުރުސަތެއް ނުލިބުނެވެ.

ނޭމާއަށް އެމެޗުގައި ފުރަތަމަ ރީނދޫކާޑެއް ދެއްކީ، މަލާގާއަށް ލިބުނު ހިލޭ ޖެހުމެއް އެޓީމުގެ ކުޅުންތެރިއަކު ފޮނުވާލަން އުޅުނު ވަގުތު ނޭމާ އޭނާގެ ބޫޓުގެ ނާޑުވާ އައްސަން އުޅެނިކޮށެވެ. އަދި އަދި މެޗު ނިމެންދަނިކޮށް ނޭމާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކީ ޑިއެގޯ ލޮރެންޓޭއަށް އޭނާ ފައުލުކުރުމާ ގުޅިގެންނެވެ.

ދެ ރީނދޫކާޑާ އެކު ދެއްކި ރަތްކާޑާ ގުޅިގެން އޮޓޮމެޓިކުން އެއްމެޗަށް ސަސްޕެންޑްވި ނަމަވެސް، އިތުރު ދެމެޗަށް އޭނާ ސަސްޕެންޑުކޮށްފައި ވަނީ، އޭގެ ފަހުން ހިނގިހާދިސާތަކާ ގުޅިގެންނެވެ.

"އަހަރެން އަމިއްލައަށް އަހަންނަށް ދިން ގެއްލުމެއް މީ. މިކަމުގެ ސަބަބުން ވަރަށް ގިނަ ފަލާވަޅުތަކެއް ދަސްވެއްޖެ. ބީއިން ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުންޏެވެ.

"ދެވަނަ ރީނދޫކާޑު ރަނގަޅު، އެއީ ފައުލެއް، އަހަރެން ބޯޅަ ހޯދުމަށް މަސައްކަތްކުރީ މާ ވަރުދަގަކޮށް.

"ދެވަނަ ރީނދޫ ކާޑާ މެދު އަހަރެންގެ އެއްވެސް މައްސަލައެއް ނެތް، އެކަމަކު ފުރަތަމަ ރީނދޫ ކާޑަކީ ދައްކަން ޖެހޭ ކާޑެއް ނޫން. އެހެން ނަމަވެސް މި ކަމުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ."

comment ކޮމެންޓް