ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަނުމުން ތުރުކީއަށް އެންމެފަހުން ކޮޅުކެހި!

އުރުދުޣާން

ސޫރިޔާގައި ހަރަކާތްތެރިވާ، ތުރުކީއާ އިދިކޮޅު ކުރުދީ ބާރުތަކަށް ހަތިޔާރު ދޭން ނިންމި ނިންމުމަށް ތުރުކީންވަނީ ވަރަށް ބޮޑަށް ފާޑުކިޔައި އެއީ ތުރުކީގެ ރައްޔިތުންގެ ބުރަކަށްޓަށް ފަހަތުން ވަޅިޖެހުން ކަމަށް ސިފަކޮށްފައެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފައިވަނީ އެމެރިކާގެ މިނިންމުމާމެދު ހިތާމަކުރައްވާ ކަމަށާ މިއީ ތުރުކީގެ ރައްޔިތުންގެ ބުރަކަށްޓަށް ފަހަތުން ވަޅިޖެހުން ކަމުގައެވެ.

ސޫރިޔާގައި ހަރަކާތްތެރިވާ ތުރުކީއާ އިދިކޮޅު ކުރުދީ ބާރުތަކުގެ ތޭރޭގައި ހިމެނޭ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ޖަމާއަތަކީ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އެވެ. އެޖަމާއަތަކީ ތުރުކީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ޕީކޭކޭ ޖަމާއަތާ ގުޅުންބޮޑު ޖަމާއަތެއްކަމުން ތުރުކީން ދެކެނީ އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ.

"ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ގަދަބާރުން ވައްޓާލަން މަސައްކަތްކުރާ ޖަމާއަތެއްކަމަށްވެފައި ތުރުކީއަކީ އެކަމަށް ވާގިވެރިވާ ދައުލަތެއް ނަމަވެސް އެޖަމާއަތުގެ ހަގީގީ އެޖެންޑާއަކީ ސޫރިޔާގެ އިރު އުތުރުގައި ކުރުދީންނަށް ޚާއްސަ ދައުލަތެއް އުފެއްދުންކަމަށް ތުރުކީން ދެކެއެވެ. ސޫރިޔާގައި އެމެރިކާ ހާސިލްކުރަން ބޭނުންވާ މަގްސަދްތައް ހާސިލް ކުރުމުގައި އެމެރިކާ އެންމެ ބޮޑަށް ބަރޯސާވާ ސޫރިޔާގެ އިދިކޮޅު ޖަމާއަތަކީ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އެވެ.

އެޖަމާއަތަށް އެމެރިކާގެ ޒަމާނީ ބަރުހަތިޔާރު ސިއްރިޔާތުގައި އެމެރިކާ ދެމުންގެންދާތާ ދެއަހަރެއްހާ ދުވަސްވެއްޖެއެވެ. އަދި އެޖަމާއަތުގެ ހަނގުރާމަވެރިންނަށް އަސްކަރީ ތަމްރީން ދެނީވެސް ސޫރިޔާގެ އުތުރުގައި މަރުކަޒުކޮށްފައިވާ އެމެރިކާގެ އަސްކަރީ ޚާއްސަ މުސްތަޝާރުންނެވެ. މިއާއެކު ސޫރިޔާގެ އެންމެ ބާރުގަދަ އިދިކޮޅު ޖަމާއަތަކަށް މިހާރުވެފައިވަނީ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އެވެ.

މިޖަމާއަތުން ފާއިތުވި ދެތިން މަސްތެރޭގައިވަނީ އައިއެސް ޖަމާއަތާ ހަނގުރާމަކޮށް ސޫރިޔާގެ އުތުރުގެ ބޮޑުބަޔަކުން އައިއެސް ޖަމާއަތް ފައްސާލައި އައިއެސްގެ އެތަށް ސަތޭކަ ހަނގުރާމަވެރިން މަރާލައި އެމެރިކާގެ އިތުބާރު ހޯދައިފައެވެ. މިއާއެކު އެމެރިކާ ވަނީ މިޖަމާއަތަށް ހަތިޔާރާއި އިތުރު ތަމްރީންދޭނެކަން ފާޅުގައި ހާމަކޮށްފައެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ ތަރްޖަމާން ޖެފް ޑެންވަރު ވިދާޅުވީ، "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަށް އެންމެ ޒަމާނީ ބަރުހަތިޔާރާއި ތަމްރީން ފޯރުކޮށްދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އެވުޒާރާއަށް އަމުރުކުރައްވާފައިވާ ކަމަށާއި އެއާ އެއްގޮތަށް އެ ވުޒާރާއިން އަމަލުކުރާނެ ކަމުގައެވެ. މިގޮތުން ގައުމެއްގެ ސިފައިންގެ ލަޝްކަރުތަކަށް ދޭ ފެންވަރުގެ ހަތިޔާރު "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އަށް ޕެންޓަގަން އިން ފޯރުކޮށްދޭނެ ކަމަށް ޖެފް ޑެންވަރު ވިދާޅުވިއެވެ.

"ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" މިފެންވަރަށް ބާރުގަދަކުރުމުގައި އެމެރިކާގެ ބޭނުމަކީ ސޫރިޔާގައިވާ އައިއެސްގެ ވެރިރަށް ކަމުގައިވާ އައްރިއްޤާ ސިޓީ މިނިވަން ކުރުމުގެ ހަނގުރާމަ ލީޑްކުރެވޭ ފަދަ ޖަމާއަތަކަށް އެޖަމާއަތް ހެދުމެވެ. "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" އިންގެންދަނީ އައްރިއްޤާ އައިއެސްގެ އަތްދަށުން މިނިވަންކުރުމުގެ ހަނގުރާމައަށް ތައްޔާރުވަމުންނެވެ.

އަނެއްކޮޅުން ތުރުކީގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާ ގެންދަނީ ސޫރިޔާގެ އުތުރުގައި ކުރުދީންނަށް ޚާއްސަ ދައުލަތެއް އުފެއްދުމަށް ކުރުދީން ކުރާ މަސައްކަތްތަކަށް ސިއްރިޔާތުގައި ތާއީދުކުރަމުންނެވެ. ސޫރިޔާގެ އުތުރުގައި އެމެރިކާގެ މަދަދުލިބިގެން އުފައްދަން މަސައްކަތްކުރާ ކުރުދީ ދައުލަތުގެ ސަބަބުން ތުރުކީވިލާތްވެސް ބައިބައިވެގެންދާކަމުގެ ބިރު އެބައޮތެވެ. ސަބަބަކީ ތުރުކީގެ ދެކުނުގެ ބޮޑުބަޔަކީ ކުރުދީން ދިރިއުޅޭ ސަރަހައްދުތަކަށް ވެފައި ތުރުކީގައިވާ ކުރުދީ ޖަމާއަތްތައް އެދައުލަތާ ގުޅިގެން ތުރުކީގެ ދެކުނަކީ ސޫރިޔާގައި އުފައްދާ ކުރުދީ ދައުލަތުގެ ބައެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރާނެތީއެވެ.

ސޫރިޔާގެ އުތުރުގައި އެމެރިކާގެ މަދަދުލިބިގެން އުފައްދަން މަސައްކަތްކުރާ ދައުލަތުގެ ސިފައިންގެ ލަޝްކަރުތަކުގެ މައި ހަބަކީ "ސީރިޔަން ޑިމޮކްރެޓިކް ފޯސަސް" ކަމަށް ހެދުމަށް އެމެރިކާ ބޭނުންވާކަމަށް މުހައްލިލުން ދެކެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް