ދިމިޝްގު (11 މެއި 2023): މިމަހުގެ 19 ގައި ސައޫދީ އަރަބިއާގެ ޖިއްދާގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި ގައުމުތަކުގެ އިސްވެރިން ސަމިޓްގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދަށް އަރުވައިފިއެވެ.
ސައޫދީ ރަސްގެފާނުގެ ފަރާތްޕުޅުން މިދައުވަތު ބައްޝާރަށް އެރުވީ ސައޫދީ ރަސްގެފާނުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސޫރިޔާއަށް ވަޑައިގެންނެވި ސައޫދީ ޑިޕްލޮމެޓެއްކަމަށްވާ ނާޔިފް އައްސިދްރީ އެވެ. ސިދްރީއަކީ އުރުދުންގައި ހުންނަވާ ސައޫދީ ސަފީރެވެ.
އަރަބި ސަމިޓުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ބައްޝާރަށް ލިބިވަޑައިގެންފައި މިވަނީ ސޫރިޔާ އަލުން އަނބުރައި އަރަބި ލީގަށް ގެނައުމަށް އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުން ނިންމެވިތާ ހައެއްކަ ދުވަސްތެރޭގައެވެ.
ސޫރިޔާ އަލުން އަނބުރައި އަރަބި ލީގަށް އިއާދަކުރުމަށް މަސައްކަތް ކުރީ ސައޫދީ އަރަބިޔާ އިސްނެގުމާއެކު އެގައުމު އިސްވެ އޮވެގެންނެވެ. ސޫރިޔާ އަރަބި ގައުމުތަކުގެ ސަރަހައްދީ ޖަމާއަތް ކަމަށްވާ އަރަބި ލީގުން ވަކިކުރީ 2011 ވަނަ އަހަރު އެގައުމުގައި އުފެދުނު ދާޚިލީ ހަނގުރާމައާއެކު ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރި ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އަރަބި ގިނަ ގައުމުތައް ތާއީދުކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ނަމަވެސް އެމެރިކާ ހިމެނޭގޮތަށް ބޭރުގެ އެތައް ގައުމެއްގެ އެހީތެރިކަމާއެކު 10 އަހަރު ހަނގުރާމަ ކޮށްގެން ވެސް ބައްޝާރުގެ ވެރިކަން ވައްޓާލުމުގައި ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ނާކާމިޔާބުވުމުން ސައޫދީއާއި ޔޫއޭއީ ފަދަ އަރަބި ގައުމުތައް ވަނީ ބައްޝާރުގެ ވެރިކަން ގަދަބާރުން ވައްޓާލުމުގެ ސިޔާސަތު މުޅިން ދޫކޮށްލައި ސޫރިޔާ އާ ގާތްވުމުގެ އައު ސިޔާސަތެއް ގެންގުޅެން ފަށާފައެވެ.
ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އެންމެ ބޮޑަށް އެހީތެރިވި ތުރުކީވެސްވަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމުގައި ނާކާމިޔާބުވުމުން ސިޔާސަތު ބަދަލުކޮށް ބައްޝާރުގެ ސަރުކާރާ އަލުން ވާހަކަ ދައްކަން ފަށާފައެވެ.
އަރަބި ގައުމުތަކާއި ތުރުކީއިން ސޫރިޔާ ސަރުކާރާ ގާތްވުމުގެ ސިޔާސަތެއް ގެންގުޅެން ފެށުމުން ސޫރިޔާގެ އިދިކޮޅު ފަރާތްތައްވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެގި މާޔޫސްވެފައެވެ. ޚާއްސަކޮށް އެފަރާތްތަކަށް އެންމެ ބޮޑަށް އެހީތެރިވި އެމެރިކާއިންވަނީ ބައްޝާރުގެ ވެރިކަމުގައި އަލުން ސޫރިޔާއާ ގާތްވެ އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަރަބި ގައުމުތަކުން ނިންމި ނިންމުމާމެދު ކަންބޮޑުވެ ރުޅިއަންނަކަން ހާމަކޮށް ވާހަކަ ދައްކާފައެވެ. ނަމަވެސް އެމެރިކާއާއި ސޫރިއާގެ އިދިކޮޅު ފަރާތްތަކުގެ ރުޅިއާއި ކަންބޮޑުވުންތަކަށް އަރަބި ގައުމުތަކުން މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ.
ސޫރިޔާ އަލުން އަނބުރައި އަރަބިލީގަށް މިއައީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ކުރިން ސޫރިއާ ގުޅުންތައް ކަނޑާލި ޔޫއޭއީ ވަނީ މީގެ އަހަރެއްހާ ދުވަސްކުރިން ސޫރިޔާއާ އަލުން ގުޅުންތައް ގާއިމްކޮށްފައެވެ. ސައޫދީވެސްވަނީ ވަރަށް އަވަހަށް ސޫރިޔާއާ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރާނެކަން އިއުލާނުކޮށްފައެވެ. ފާއިތުވި ދެ ހަފުތާ ތެރޭގައި ސޫރިޔާގެ ޚާރިޖީ ވަޒީރު ސައޫދީއަށް ޒިޔާރަތް ކުރައްވާފައިވާއިރު ސައޫދީ ޚާރިޖީ ވަޒީރުވެސް ވަނީ ސޫރިޔާއަށް ޒިޔާރަތް ކުރައްވާފައެވެ.