އެމެރިކާއިން މަސައްކަތްކުރަނީ އައިއެސް އަލުން ދިރުވަން: ސޫރިޔާ

އެމެރިކާގެ ހަމަލާތައް އަމާޒުކުރި ތަނެއް ---

ދިމިޝްގު (4 ފެބްރުއަރީ 2024): އެމެރިކާއިން އިއްޔެ ސޫރިޔާއަށް ދިން ހަމަލާތަކަކީ އައިއެސް ޖަމާއަތް އަލުން ވަރުގަދަކުރުމުގެ މަގުސަދުގައި އެމެރިކާއިން ދިން ހަމަލާތަކެއްކަމަށް ބުނެ އެމެރިކާއިން އައިއެސްއަށް ނުސީދާ ގޮތެއްގައި އެހީތެރިވާކަމަށް ސޫރިޔާ ސަރުކާރުން ރަސްމީ ސިފައެއްގައި ތުހުމަތުކޮށްފިއެވެ.

ސޫރިޔާގެ އިރުމަތިގެ ސަރަހައްދުތަކަށް އެމެރިކާ އިއްޔެ ދިން ހަމަލާތަށް ކުށްވެރިކޮށް ސޫރިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ހަމަލާތައް އަމާޒުކުރީ އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ ސޫރިޔާގެ ބާރުތަކާ ދެކޮޅަށް ކަމަށާއި މިއީ ސޫރިޔާގެ އުތުރުގައި އައިއެސްގެ ހަނގުރާމަވެރިންގެ ބާރުގަދަ ކުރުމުގެ ރޭވުމުގެ ދަށުން ދިން ހަމަލާތަކެއް ކަމުގައެވެ.

އެމެރިކާ ބުނާގޮތުން އެ ގައުމުން އިއްޔެ ވަނީ އިރާގާއި ސޫރިޔާގައިވާ އީރާނަށް ތާއީދުކުރާ ބައެއް ޖަމާއަތްތަކުގެ 60 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާތައް ދީފައެވެ. މި ހަމަލާތައް ދީފައިވަނީ ބޮންއަޅައިގެންނާއި އަދި ރޮކެޓާއި މިސައިލާއި ޑްރޯން އިންނެވެ. ބޮންއަޅާފައިވަނީ އެމެރިކާގެ ތެރެއިން އައި ދުރުރާސްތާގެ ބީ 52 ގެ ސްޓްރެޓީޖިކް މަތިންދާބޯޓުތަކުންނެވެ.

މި ހަމަލާތައް ދިނީ މީގެ ހަފުތާއެއްހައި ދުވަސް ކުރިން އުރުދުންއާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގައިވާ އުރުދުންގެ މަރުކަޒެއްގައި ތިބި އެމެރިކާ ސިފައިންގެ ބަޔަކަށް ހަމަލާދީ އޭގެ ތެރެއިން ހަތަރު ސިފައިން މަރާލައި 40 އަށް ވުރެ ގިނަ މީހުން ޒަޚަމުކޮށްލި ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުންކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ނެރުނު ބަޔާނެއް ބުނެއެވެ. ބަދަލު ހިފުމުގެ މި ހަމަލާތައް ދޭނެކަމުގެ އިންޒާރު ކުރިން އެމެރިކާއިން ވަނީ ދީފައެވެ.

އިރާގު ބުނާގޮތުން އެމެރިކާގެ ހަމަލާތައް އެ ގައުމުގެ ސަރުކާރަށް ތާއީދުކުރާ ޙަޝްދުއްޝަޢަބީ ޖަމާއަތުގެ ގިނަ މަރުކަޒުތަކަށް އަރައި 16 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. މިއީ އުދުވާނެއް ކަމަށް ސިފަކޮށް އިރާގުގެ ޚާރިޖީ ވުޒާރާއިން ވަނީ ބަޣުދާދުގައި ހުންނަވާ އެމެރިކާގެ ސަފީރު އެ ވުޒާރާއަށް ހާޒިރުކޮށް އޭނާއަށް އިންޒާރުގެ ލިޔުމެއް ހަވާލުކޮށްފައެވެ.

މި ލިޔުމުގައި އެމެރިކާގެ އަމަލުތަކަކީ އިރާގުގެ ސިޔާދަތާއި މިނިވަންކަމަށް އަރައިގަތުން ކަމަށް ސިފަކޮށް އެމެރިކާ ސިފައިން އިރާގުން އަވަހަށް ފޭބުމަށް ގޮވާލާފައިވެއެވެ.

ސޫރިޔާގެ ޚާރިޖިއްޔާގެ ބަޔާނުގައި ސޫރިޔާގައި އެމެރިކާ ސިފައިން ތިބެނީ އެ ގައުމުގެ ހުއްދަނެތި ގަދަބާރުން ފައިހަރުކޮށްލައިގެންކަން ހާމަކޮށްފައިވެއެވެ. އަދި، އެމެރިކާއަކީ ބައިނަލްއަގުވާމީ އުސޫލުތަކާ ޚިލާފަށް ސޫރިޔާގައި ފައިހަރުކޮށްލައިގެންއުޅޭ ގައުމެއް ކަމަށާއި އެމެރިކާ ސޫރިގައި އޮންނަނީ އައިއެސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވުމުގެ ނުބައި ރޭވުމުގެ ދަށުން ކަމަށް ސިފަކޮށްފައިވެއެވެ. ސޫރިޔާގެ މި ބަޔާންވަނީ ތިންވަނަ ގައުމެއް މެދުވެރިކޮށް އެމެރިކާ ސަރުކާރަށް ރައްދުކޮށްފައެވެ.

އެމެރިކާގެ ހަމަލާތައް އީރާނުގެ މަދަދުލިބޭ އިރާގާއި ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކަށް އަމާޒުކޮށްފައިވާއިރު އަދިވެސް އިތުރު ހަމަލާތައް ދޭނެކަމުގެ އިންޒާރު އެމެރިކާގެ ގައުމީ ސަލާމަތާބެހޭ އިދާރާއިން އިއްޔެވަނީ ދީފައެވެ. އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ވެސް ވަނީ އެ ދެ ގައުމުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިތުރު ހަމަލާތައް ދޭނެކަމުގެ އިންޒާރުތައް ދީފައެވެ.

އެމެރިކާ އިއްޔެ މި ހަމަލާތައް ދީފައިވާއިރު އިރާގުން އެމެރިކާ ސިފައިން އެއްކޮށް ބޭލުމާ ބެހޭ ވާހަކަތައް އިރާގު ސަރުކާރާ އެކު ފެށުމަށް އެމެރިކާ ސަރުކާރު މީގެ ދެ ހަފުތާ ކުރިން ވަނީ އެއްބަސްވެފައެވެ.

އައިއެސް ޖަމާއަތާ ހަނގުރާމަ ކުރުމުގެ ނަމުގައި އެމެރިކާއިން އިރާގާއި ސޫރިޔާގައި ފައިހަރުކޮށްލައިގެން އުޅެނީ އީރާނަށް ފާރަލައި އީރާނަށް ޖާސޫސުކުރުމުގެ ބޭނުމުގައާއި އީރާނުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ފޯރުކޮށްދޭ ހަތިޔާރުގެ ޝިޕްމަންޓްތަކަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށް އަސްކަރީ މުހައްލިލުން ވިދާޅުވެއެވެ.

އެމެރިކާގެ ހަމަލާތަކުގެ ކުރިން އީރާންވަނީ ސޫރިޔާގައި ތިބޭ އެ ގައުމުގެ އަސްކަރީ މުސްތަޝާރުންގެ ގިނަ ބަޔަކު އަނބުރައި ގައުމަށް ގެނަސްފައެވެ.

comment ކޮމެންޓް