ސެމީން ބަލިވިޔަސް ފައިނަލުގައި ޕީޕީއެމަށް ކުޅެވޭނެ ފޯމިއުލާއެއް ޝައިނީ ނެރުއްވައިފި!؟

މިނިސްޓަރު ޝައިނީ: ފައިނަލުގައި ޕީޕީއެމަށް ކުޅުމުގެ ފުރުސަތު ލިބެނީ ސެމީ ފައިނަލުން މޮޅުވި ޓީމު ޑިސްކޮލިފައިވުމުން ކަމަށް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އެވެ. ޕީޕީއެމަށް އެ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ނިމިދިޔަ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބުގައި ހޯދި ކާމިޔާބީއަށް ފަހު، ކައުންސިލް އިންތިހާބުން "ހެޓްރިކް" ހަދަން 'ފައްކާވެފައި' ވަނިކޮށެވެ. ޕީޕީއެމް ބަލިކޮށްލީ އިދިކޮޅު އެމްޑީޕީންނެވެ. ނަތީޖާތަކުން ދައްކާ ގޮތުން ދުވަހެއް ދުވަހަކަށް ފަރަގު ބޮޑުވަމުންދަނީ އެވެ.

ޕީޕީއެމަށް ލިބުނު ނާކާމިޔާބީއާ ގުޅުވައިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ ޝޯޝަލް މީޑިއާގައި ވަރުގަދަ ބަހުސަކަށް ދޮރު ހުޅުވާލާފަ އެވެ. ހާއްސަކޮށް ޓްވިޓާގަ އެވެ.

"ލޯކަލް ކައުންސިލް އިންތިހާބު 2017 މިއީ ސެމީ ފައިނަލް. މި ބުރުގެ ފައިނަލް މެޗް އޮތީ 2018 ވަނަ އަހަރު. ފައިނަލް އަށް ދިޔައީ އެމްޑީޕީ އާއި ޕީޕީއެމް. މިސްޓޭކްތައް ރަނގަޅުކޮށް ތައްޔާރުވޭ!" މިހެންނެވެ.

މި ޓުވީޓު ނިހާނު ކުރެއްވުމާ ގުޅިގެން އެތައް ބައެއް ވަނީ ޓުވީޓަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަން ފަށައިފަ އެވެ. ސެމީއަކުން ބަލިވާ ބަޔަކަށް ފައިނަލް ނުކުޅެވޭނެ ކަމަށް ބުނެ އެވެ. ކުޅިވަރުގެ ތިއަރީތަކުން އެއީ ނެރެވޭނެ ނަތީޖާއެއް ނޫން ކަމަށް އެބަ ބުނެތެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އަހުމަދު ނިހާން ހުސައިން މަނިކު (މ)----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިހާނަށް ފާޑުކިޔާ މީހުން އިތުރުވެ، "ފަތުއަޑު" ކިޔާފައި އެ ވާހަކަ ފެތުރެމުން ދަނިކޮށް، މިނިސްޓަރު ޝައިނީ މިރޭ ވަނީ ނިހާންގެ ވާހަކަތައް ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. މިނިސްޓަރު ޝައިނީ ވިދާޅުވީ ނިހާނަކީ ވަރަށް ތޫނުފިލި ބޭފުޅެއް ކަމަށެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، 'ސެމީ ފައިނަލް މެޗެއްގައި ބަލިވުމަށް ފަހު ވެސް ފައިނަލަށް ދެވޭނެ ގޮތެއް އޮންނަ' ކަމަށާއި 'އެގޮތަކީ މޮޅުވި ޓީމު ޑިސްކޮލިފައިވުން' ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ވެރިއަކަށް ހުންނެވި ކުރީގެ 'ރައީސް ނަޝީދަކީ ޑިސްކޮލިފައިވެފައި ހުރި ބޭފުޅެއް' ކަމަށެވެ.

"ގާނޫނު އަސާސީގެ ހަމަތަކަށް ބަލާއިރުގައި، ރައީސް ނަޝީދަކީ ޑިސްކޮލިފައިވެފަ ހުރި ބޭފުޅެކޭ. އެބޭފުޅާ އަކަށް ފައިނަލް މެޗަކަށް އަރައިވަޑައެއް ނުގެންނެވޭނެ. އަދި ލޯކަލް ކައުންސިލް އިންތިހާބުން އިދިކޮޅު ފަރާތްތަކަށް ކުރި ލިބުނު ކަމުގައިވިޔަސް، އެބޭފުޅުންނަކީ ޑިސްކޮލިފައިވެފައި ތިބި ބައެއް. ރައީސް މައުމޫނަކީ ޑިސްކޮލިފައިވެފައި ހުރި ބޭފުޅެއް. ރައީސް ނަޝީދަކީ ޑިސްކޮލިފައިވެފައި ހުރި ބޭފުޅެއް. ގާސިމަކީ ޑިސްކޮލިފައިވެފައި ހުރި ބޭފުޅެއް. އެހެންވީމަ ވަރަށް ރީއްޗަށް އަދި އަޅުގަނޑުމެންނަށް ފައިނަލް ކުޅުމުގެ ފުރުސަތު އެބަ އޮތް،" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން (ކ)ގެ އަރިހުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީދަރު ރިޔާޒު ރަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިހާނު މިރޭ ވަނީ އޭނާ ކުރެއްވި ޓުވީޓުގައި ބުނާ އެއްޗަކާ ގުޅުވައިގެން އިތުރު ޓުވީޓެއް ވެސް ކުރައްވާފަ އެވެ. އެ ޓުވީޓުގައި ނިހާން ވިދާޅުވެފައި ވަނީ، "ސެމީ ފައިނަލަށް ވީގޮތް ނޭނގުނު އެންމެންނަށް ވަރަށް ސަލާމް. ސެމީ ފައިނަލް އޮންނާނީ ހަމަ އެކަނި ފުޓްބޯޅައިގަތަ؟" މިހެންނެވެ.

ނިހާންގެ ފަހުގެ ޓުވީޓުގައި ވިދާޅުވިފަދައިން ކުރީގެ ޓުވީޓުގައި ނިހާން ސިފަ ކުރެއްވީ ފުޓްބޯޅަ ނޫން ކަމަށް ވެދާނެ އެވެ. ފައިގެތަޅާ ކަމަށް ވެސް ވެދާނެ އެވެ. ތީމުގޯލި ކަމަށް ވެސް ވުން ގާތެވެ. އަދި ކުޅިވަރުގެ ގަވާއިދު ލިޔެވިފައިނުވާ ކުޅިވަރަކަށް ވުން ވެސް ކައިރި ގޮތެވެ. އަދި އެއީ އަރަތަކަށް ވެސް ވެދާނެ އެވެ.

comment ކޮމެންޓް