އަހަރެމެންނަށް ރެއާލް ކަޓުވާލެވޭނެ: ސިމިއޯނީ

އެތުލެޓިކޯ މެޑްރިޑްގެ ކޯޗް ޑިއެގޯ ސިމިއޯނީ ގަބޫލުކުރާ ގޮތުގައި ޗެމްޕިއަންސް ލީގުގެ ސެމީގައި 3-0 ލަނޑުން ރެއާލް އަތުން އޭނާގެ ޓީމު ބަލިވެފައި އޮތް ނަމަވެސް އަދިވެސް އެޓީމަށް ކުރި ހޯދޭނެ -- ފޮޓޯ: ޑެއިލީޕޯސްޓް

ޗެމްޕިއަންސް ލީގު ސެމީފައިނަލްގެ ދެވަނަ ލެގުގެ މެޗަށް ބުދަދުވަހުގެ ރޭ ރެއާލް މެޑްރިޑާ ދެކޮޅަށް އެތުލެޓީކޯ މެޑްރިޑް ނުކުންނައިރު، ފުރަތަމަ ލެގުން 3-0 ލަނޑުން ބަލިވެފައި އޮތްކަމުގައި ވީނަމަވެސް އެ ނަތީޖާ އަނބުރާލެވޭނޭ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް ޑިއެގޯ ސިމިއޯނީ ބުނެއެވެ.

ސިމިއޯނީ ބުނީ، މިފަދަ ހާލަތެއްގައި ރެއާލް ބަލިކުރުމަކީ އެހެން ބަޔަކަށް ނުކުރެވޭވަރުގެ ކަމެއް ނަމަވެސް، އޭނާގެ ޓީމަށް އެކަން ކުރެވޭނޭ ކަމަށެވެ.

"ބުދަ ދުވަ އަހަރެންމެންނާ ކުރިމަތިލާނީ ވަރަށް އުނދަގޫ މެޗެއް. ބަޔަކަށް އެއީ ނުކުރެވިދާނޭ ކަމެއް. އެހެން ނަމަވެސް އަހަރެމެންނަށް ވާނެ،" އެއިބާރ އަތުން 1-0 ލަނޑުން މޮޅުވެ ލަ ލީގާގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރުމަށް ފަހު ސިމިއޯނީ ބުންޏެވެ.

"އަހަރެން ވާނީ ކުޅުންތެރީން ގާތުވެސް ބުނެފަ އެއީ ވަރަށް އުނދަގޫ މެޗަކަށް ވާނެއޭ، އަހަރެމެން ކުރިމަތިލާން މި ޖެހެނީ، ކޮންމެ މެޗެއްގައި ވެސް ލަނޑު ޖަހަމުން އަންނަ، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ޓީމާއޭ. އެކަމަކު އެއީ އަހަރެމެންނަށް ކުރެވޭނޭ ކަމެކޭ."

އެތުލެޓިކޯއިން 67,000 މީހުންގެ ޖާގައިގެ އާ ސްޓޭޑިއަމް "ވެންޑާ މެޓްރޮޕޮލީޓާނޯ"އަށް ބަދަލުވުމަށް ތައްޔާރުވަމުން ދާއިރު، ބުދަ ދުވަހު ރެއާލާ ދެކޮޅަށް އެޓީމު ކުޅޭ މެޗު ވެގެންދާނީ، ވިސެންޓޯ ކަލްޑެރޯންގައި އެތުލެޓިކޯ ކުޅޭނޭ ޔޫރަޕް މުބާރާތްތަކުގެ ފަހު މެޗަށެވެ.

comment ކޮމެންޓް