ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ސްޕެނިޝް ލަލީގާގެ ޗެމްޕިއަން އެފްސީ ބާސެލޯނާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ޖާގަހޯދާފައިވަނީ ރައުންޑް އޮފް ސިކްސްޓީންގައި އިޓާލިއަން ސެރީއާގެ ޗެމްޕިއަން ނަޕޯލީއާ ބައްދަލުކޮށް ހަތަރު ލަނޑު ދެ ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ މެޗު ނަޕޯލީގެ ދަނޑުގައި ކުޅެ ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. އަދި ބާސާގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ތިން ލަނޑު އެއް ލަނޑުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ނަޕޯލީއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބާސާއިންނެވެ. ބާސާއިން މިމެޗު ފެށީ ވަރަށް ފޯރީގައި މިމެޗުން މޮޅުވެ ކުއާޓާގެ ޖާގައެއް ކަށަވަރު ކުރުމުގެ އަޒުމާއެކުއެވެ. މިއާއެކު ބާސާއިން މެޗުގެ 15 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މިމެޗުގެ ލީޑު ނެގިއެވެ.
މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުމުރުން 20 އަހަރުގެ ފާމިން ލޯޕޭޒްއެވެ. އަދި މިލަނޑު ޖެހިތާ ދެ މިނެޓުފަހުން ބާސާއިން ވަނީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށް އެގްރިގޭޓް ނަތީޖާގައިވެސް ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޖާއޮ ކަންސޭލޯއެވެ.
މިމެޗުގައި ނަޕޯލީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަމީރު ރަހްމާނީއެވެ. މިލަނޑާއެކު ނަޕޯލީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. ނަމަވެސް ލަނޑު ޖަހާނެ ރަނގަލޫ ފުރުސަތު އެޓީމަށް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވުނެވެ.
މިމެޗުގައި ބާސާއިން ކާމިޔާބު ކުރި ތިން ވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓުގައި ޖަހައިދިނީ ތަޖުރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ.
މިކާމިޔާބީއާއެކު ބާސާއިން މިވަނީ މިމުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. އަދި މިއީ ވޭތުވެދިޔަ ފަސް ސީޒަންގައި ބާސާއަށް ޗެމްޕިއަން ލީގުގެ ނޮކް އައުޓް މެޗަކުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ.