ސާކުގެ ގައުމުތަކަށް މުވާސަލާތީ ޚިދުމަތްދޭން އިންޑިއާއިން ސެޓެލައިޓެއް އުދުއްސާލައިފި

އިންޑިއާއިން ލޯންޗު ކުރި ސެޓެލައިޓު އުދުއްސާލަނީ ---

ސާކުގެ ގައުމުތަކަށް މުވާސަލާތީ ޚިދުމަތާއި އެހެނިގެން ބްރޯޑްކާސްޓިން ޚިދުމަތް ދިނުމަށް އިންޑިއާގެ ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް ރިސާޗް އޯގަރައިޒޭޝަން (އައިއެސްއާރުއޯ) އިން ސެޓެލައިޓެއް އުދުއްސާލައިފިއެވެ.

އިންޑިއާގެ ޖައްވީ އިދާރާއިން އެ ސެޓެލައިޓުގެ މަސައްކަތް ފެށީ މީގެ އަހަރުތަކެއް ކުރިންނެވެ. "ސައުތު އޭޝިއާ ސެޓެލައިޓް"ގެ ނަމުގައި އިއްޔެ އުދުއްސާލި އެ ސެޓެލައިޓުގެ މަގްސަދަކީ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެމްބަރު އަށް ގައުމަށް އޭގެ ހިދުމަތް ދިނުމަށެވެ.

އެގޮތުން ސެޓެލައިޓު މެދުވެރިކޮށް ސާކުގެ ގައުމުތަކުގެ ޓެލެކޮމިއުނިކޭޝަން ދާއިރާއާއި ބްރޯޑްކާސްޓިންގް، ޓެލެ މެޑިސިން، ޓެލެ އެޑިއުކޭޝަން، އީ ގަވާނަންސް، ބޭންކިން އާއި އޭޓީއެމް ޚިދުމަތްތަކުގެ އިތުރުން، ސެލިއުލާ ބެކް ހޯލް އަދި މީޓިއޮރޮލޮޖިކަލް ޚިދުމަތްތައް ދޭނެ އެވެ. އަދި ގުދުރަތީ ވަޞީލަތްތައް ބޭނުންކުރުމުގައާއި، ކާރިސާއެއް ދިމާވެއްޖެނަމަ އެކަމާ ކުރިމަތިލުމުގައި މި ސެޓެލައިޓުން ގިނަގުނަ ފައިދާ ވާނެ އެވެ.

އެ ސެޓެލައިޓު ލޯންޗު ކުރުމަށްފަހު ސާކު ގައުމުތަކުގެ ވެރިންނާއެކު ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަމުން އިންޑިއާގެ ބޮޑު ވަޒީރު، ނަރޭންދުރަ މޯދީ ވިދާޅުވީ، އެއީ ސަރަހައްދީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުން ބަދަހި ކުރުމަށްޓަކައި އިންޑިއާއިން އިސްކަމެއް ދޭ ކަމަށާއި އެ ސެޓެލައިޓުގެ މަގްސަދަކީވެސް އެއީ ކަމަށެވެ.

"ސައުތް އޭޝިއާ ސެޓެލައިޓުގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ ރައްޔިތުން އެއްބައިވެ، ކުރިއަރައިދާނެ. ގައުމުތަކަށް ތަރައްގީ އަންނާނެ. ފަގީރުކަން ނެތިގެންދާނެ އަދި ފާގަތިކަން އަންނާނެ،" މޯދީ ވިދާޅުވިއެވެ.

އެ ވީޑިއޯ ކޮންފަރެންސުގައި އންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚު ހަޞީނާއާއި، ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ޓޮބްގޭއާއި، ނޭޕާލް ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލްއާއި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސެޓެލައިޓްގެ ސަބަބުން މި ޞަރަޙައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޓެލެކޮމިއުނިކޭޝަން، ޓެލެމެޑިސިން، ޓެލެ-އެޑިއުކޭޝަންފަދަ ދާއިރާތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ. އަދި ގުދުރަތީ ވަޞީލަތްތައް ބޭނުންކުރުމުގައާއި، ކާރިސާއެއް ދިމާވެއްޖެނަމަ އެކަމާ ކުރިމަތިލުމުގައި މި ސެޓެލައިޓުން ގިނަގުނަ ފައިދާ ކުރާނެކަމަށް ޤަބޫލުކުރައްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ސައުތު އޭޝިއާ ސެޓެލައިޓް"ގެ ނަމުން ނަން ދެވިފައިވާ ޖީސެޓް-9 ސެޓެލައިޓަކީ އިންޑިއާގެ ފަރާތުން އަވަށްޓެރި ޤައުމުތަކަށް ދިން އަގުހުރި ހަދިޔާއެކެވެ. އޭގެ ސަބަބުން ދެކުނު އޭޝިއާ ޞަރަޙައްދުގެ ޤައުމުތަކުގެ ޓެލެކޮމިއުނިކޭޝަންސް އަދި ބްރޮޑްކާސްޓިންގގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

މި ސެޓެލައިޓުގެ ޚިދުމަތަށް، ޕާކިސްތާނު ފިޔަވައި ސާކުގެ ހުރިހާ ގައުމަކުން ވަނީ އެއްބާރުލުން ދޭން ނިންމާފައެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނަފީސް ޒަކަރިއްޔާ ވިދާޅުވެފައި ވަނީ މަޝްރޫއުގައި ބައިވެރިވާން އެ ގައުމުން ފުރަތަމަ ޝައުގުވެރިވި ކަމަށެވެ. ަނަމަވެސް ސެޓެލައިޓުގެ މަސައްކަތް ކުރުމަށް އެގައުމުން ބޭނުންވީ ގުޅިގެން ކުރިއަށް ގެންދިއުމަށް ކަމަށާއި އެފުރުސަތު އިންޑިއާއިން ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސާކްގެ ސަރަހައްދީ ކުޑައިގެ ދަށުން ހިންގާ މަޝްރޫއެއް ގޮތައް އެކަމަށް އެއްބާރުލުން ދިނުމަކީ ޕާކިސްތާނަށް ކުރެވޭނެ ކަމެއް ނޫން،" ނަފީޒް ޒަކަރިއްޔާ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް