ސަރަހައްދީ އެއްބާރުލުން ދިނުމާއި ހަމަޖެހުން އޮންނާނެ ގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު --- ފޮޓޯ/ ރައީސް އޮފީސް

ސަރަހައްދީ އެއްބާރުލުމާ އެކު ހުރިހާ ފަރާތްތަކަށް ސުލުޙަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނެ ގޮތަށް ޢަމަލުކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ "ސާކް ޗާޓާ ޑޭ"ގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި، ސާކަށް 38 އަހަރު ފުރުމުގެ މުނާސަބަތުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލް، އެސަލަ ރުވަން ވީރަކޫން އަށާއި، ސާކްގެ މުވައްޒަފުންނަށާއި، ސާކް ގެ މެންބަރު ގައުމުތަކުގެ ރައްޔިތުންނަށް، ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވަނީ އަރިސްކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ، ސަރަހައްދީ އެއްބާރުލުމާ އެކު ހުރިހާ ފަރާތްތަކަށް ސުލުޙަ މަސަލަސް ކަމާއި ހަމަޖެހުން އޮންނާނޭ ގޮތަށް އަމަލުކުރުމަކީ މުހިއްމު ކަމެއް ކަން ރާއްޖެއިން ފާހަގަކުރާ ކަމަށެވެ. އަދި ސާކް ޗާޓާގެ އަސާސްތައް ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓާނޭކަމުގެ ޔަގީންކަން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސާކްގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮތް ޒަމާންވީ ވިޔަފާރިއާ ސަގާފީ ގުުޅުންތަކާ، ބޭނުން ޖެހޭ ދަނޑިވަޅުތަކުގައި، އެހީތެރިވުމުގައި ގައުމުތަކުގެ ރައްޔިތުންގެ މެދުގައި އޮތް ގުޅުމުގެ މައްޗަށް ވެސް ރައީސް އަލިއަޅުވާލެއްވިއެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ، ސާކު ސަރަަހައްދުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަނަވަސްކަން ހޯއްދަވައިދެއްވުމުގައި މެމްބަރު ގައުމުތަކުގެ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާނޭކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވަމުންނެވެ.

"ސާކް ޗާޓާ ޑޭ"ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހެވެ.

comment ކޮމެންޓް