ސާކުގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ގޮވާލައްވައިފި

ރާއްޖޭން ބޭރު ގައުމުތަކަށް ކަނޑައަޅާފައިވާ ސަފީރުންނާއެކެ ބާއްވާ މަހާސިންތާ ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ތަފާތުކުރުންތައް އެއްފަރާތްކޮށް އެއް ޖަމާއަތެއްގެގޮތުގައި، މި ސަރަހައްދުގެ ހުރިހާ ގައުމެއްގެ އުއްމީދުތައް ހާސިލުކުރުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

އިންޑިއަން ސްޕޭސް ރިސަރޗް އޮގަނައިޒޭޝަން (އައިއެސްއާރއޯ) އިން މި ޞަރަޙައްދަށް އަމާޒުކޮށް އުފައްދާފައިވާ ޖީސެޓް-9 ކޮމިއުނިކޭޝަންސް ސެޓެލައިޓް އިފްތިތާޙުކޮށްދެއްވުމަށް ލައިވް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސާކްގެ ހަތް ޤައުމުގެ ވެރިން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ސެޓެލައިޓްގެ ސަބަބުން މި ޞަރަޙައްދުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޓެލެކޮމިއުނިކޭޝަން، ޓެލެމެޑިސިން، ޓެލެ-އެޑިއުކޭޝަންފަދަ ދާއިރާތަކަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.

އަދި ގުދުރަތީ ވަޞީލަތްތައް ބޭނުންކުރުމުގައާއި، ކާރިސާއެއް ދިމާވެއްޖެނަމަ އެކަމާ ކުރިމަތިލުމުގައި މި ސެޓެލައިޓުން ގިނަގުނަ ފައިދާ ކުރާނެކަމަށް ޤަބޫލުކުރައްވާކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އުއްމީދަކީ ދޭދޭ ޤައުމުތަކުގެ ދެމެދުގައިވާ ތަފާތުކުރުންތައް އެއްފަރާތްކޮށް، އެއް ޖަމާޢަތެއްގެގޮތުގައި، މި ޞަރަޙައްދުގެ ހުރިހާ ޤައުމެއްގެ އުއްމީދުތައް ހާސިލުކުރުމަށް މަސައްކަތް ކުރުމެވެ.

އެ ވީޑިއޯ ކޮންފަރެންސުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީއާއި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚު ހަޞީނާއާއި، ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ޓޮބްގޭއާއި، ނޭޕާލް ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލްއާއި ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނަ ބައިވެރިވެވަޑައިގެންނެވިއެވެ.

"ސައުތު އޭޝިއާ ސެޓެލައިޓް"ގެ ނަމުން ނަން ދެވިފައިވާ ޖީސެޓް-9 ސެޓެލައިޓަކީ އިންޑިއާގެ ފަރާތުން އަވަށްޓެރި ޤައުމުތަކަށް ދިން އަގުހުރި ހަދިޔާއެކެވެ. އޭގެ ސަބަބުން ދެކުނު އޭޝިއާ ޞަރަޙައްދުގެ ޤައުމުތަކުގެ ޓެލެކޮމިއުނިކޭޝަންސް އަދި ބްރޮޑްކާސްޓިންގގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

comment ކޮމެންޓް