އިންތިޚާބުގެ ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގައެއް ނުދޭނަން: ސުލައިމާން

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން ވިދާޅުވި ގޮތުގައި މިފަހަރުގެ ލޯކަލް ކައުންސްލް ތަކުގެ އިންތިޚާބަކީ ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅަށް ކުރިއަށް ގެންދާ އިންތިޚާބެއް-- ސަން ފޮޓޯ: މުހައްމަދު އަފްރާހް

މިއަދު ހެނދުނު 8:00 އިން ފެށިގެން ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ސައްހަކަމާ މެދު ސުވާލު އުފެދުމުގެ އެއްވެސް ޖާގައެއް ނުދެއްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ކައުންސިލް އަހްމަދު ސުލައިމާން ވިދާޅުވެއްޖެއެވެ.

އިންތިހާބާ ގުޅިގެން ޓީވީއެމް އިން ގެންނަ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ސުލައިމާނު ވިދާޅުވީ، މިފަހަރުގެ އިންތިހާބަކީ އިންޓަނޭޝަނަލް ލެވެލް ގައި އޮބްޒާވް ކުރެވޭނެ އިންތިހާބެއް ކަމަށާއި އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ބޭރުގެ ގައުމުތަކަށް ދައުވަތު ދީގެން އިންޓަނޭޝަނަލް އޮބްޒާވަރުން ގެނެސްގެން އޮބްޒާވް ކުރުމުގެ ކަންކަން ކުރިއަށް ގެންދަވާ ކަމަށެވެ.

"މި އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި ފެންބޯސާއިން ގެނެސްފައިވާ އިންޓަނޭޝަނަލް އޮބްޒާވަރުން މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވައިގެން އޮބްޒާވް ކުރުމުގެ މަސައްކަތް ވަނީ ފަށާފައި، އަދި އޭގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް ވާނީ އޮބްޒާވަރުން ގެންސްގެން އެކި ހިސާބުތަކަށް ފޮނުވިފައި،" ސުލައިމާނު ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ރައްޔިތުންނާއި ކެނޑިޑޭޓުންގެ ހައްގުތަށް ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ބޭފުޅުންވެސް އަދާކޮއްދިނުމަށް އެންމެހާ ރައްޔިތުންގެ ކިބައިން ސުލައިމާނު އެދިވަޑައިގަތެވެ.

މިފަހަރުގެ ކައުންސިލްތަކުގެ އިންތިޚާބުގައި 1483 ކެނޑިޑޭޓުން ވާދަކުރާއިރު މި ކެންޑިޑޭޓުންގެ ތެރޭން އިންތިޚާބުކުރާނީ ޖުމުލަ 664 ކައުންސިލަރުންނެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 255987 މީހުން ތިބިއިރު، އޭގެތެރޭގައި 16،000އަށް ވުރެ ގިނަ ޒުވާނުން އަލަށް ވޯޓުލާނެއެވެ.

މިފަހަރު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޖުމްލަ 420، އަދި ލަންކާގައި 2 ފޮށި ބަހައްޓާނެއެވެ. ސިނާއީ ރައްތަކުގެ ތެރޭން ވޯޓުފޮށި ބަހައްޓާނީ ހަމައެކަނި ތިލަފުށީގައެވެ.

comment ކޮމެންޓް