ރިޓަޔާކުރާ އީސީގެ މުވައްޒަފުންނަށް އިނާޔަތްދޭ އިސްލާހު އުވާލައިފި

އީސީގެ މެންބަރުން: ރިޓަޔާކުރާ އީސީގެ މުވައްޒަފުންނަށް އިނާޔަތްދޭ އިސްލާހު ވަނީ އުވާލައިފަ -- ފޮޓޯ/ އީސީ

ރިޓަޔާ ކުރާ އިލެކްޝަންސް ކޮމިޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުންނަށް އިނާޔަތްދޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދަށް ގެނައި އިސްލާހު މިއަދު އުވާލައިފިއެވެ.

މި އިސްލާހު އުވާލުމުގެ ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު އެ ގަވާއިދަށް އަމަލުކުރަންވަނީ ފަށާފައެވެ.

މި އިސްލާހު އުވާލުމާ ގުޅިގެން އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ "ސަން"އަށް ވިދާޅުވީ ރިޓަޔާމެންޓް ޕޭ އޮތް ގޮތުން އެ ޕޭމަންޓް އުވާލުވުމަށް ފިނޭންސް މިނިސްޓްރީން އެންގީ ކަމަށެވެ.

އީސީގެ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ އުމުރުން 55 އަހަރުވުމުން، ވަޒީފާއިން ރިޓަޔާކޮށް، އިނާޔަތް ހޯދުމަށް އެދިއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއިން ރިޓަޔާކޮށްދީ އިނާޔަތްދޭންވާނެ ކަމަށެވެ. އަދި 55 އަހަރުވެފައިވާ އީސީގެ މުވައްޒަފަކަށް އިނާޔަތްދީ، ވަޒީފާއިން ރިޓަޔާކޮށް ދޫކޮށްލުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.

އެ އިސްލާހުގައިވަނީ ރިޓަަޔާ ކުރެވޭ ކޮންމެ މުވައްޒަފަކަށް އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ ޢިނާޔަތެއްގެ ގޮތުގައި، އެ މީހަކު ހުރި ރޭންކަށް ކަނޑައަޅައިފައިވާ މުސާރައާއި ޚިދުމަތްކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއްފަހަރާ ލިބިދޭން ވާނެ ކަމަށެވެ. އަދި 15 އަހަރަށްވުރެ އިތުރުވާނަމަ، ގަނޑުކޮށް ފައިސާ ދިނުމުގައި ބަލާނީ 15 އަހަރަށް ކަމަށް ވެސް ބުނެފައިވެއެވެ.

އަދި ރިޓަޔާކުރާ ކޮންމެ މީހަކަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެެ މީހަކު އެންމެފަހުން ހުރި ރޭންކަށް ކަނޑައަޅައިފައިވާ މުސާރައިގެ 75 ޕަސެންޓް ރިޓަޔާމެންޓް ޕޭގެ ގޮތުގައި ދޭންޖެހޭނެ ކަމަށެވެ.

މި ގާނޫނުގެ ފަސްވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ރިޓަޔާ ކުރާއިރު އެއްފަހަރާ ގަނޑުކޮށް ދެވޭ ފައިސާ އެއްފަހަރާ އެ މީހަކަށް ލިބިދޭންވާނެއެވެ. ޢިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅައިފައިވާ މުސާރައާއި ޚިދުމަތްކުރި އަހަރު ގުނަކުރުމުން މުސާރައިގެ 75 ޕަސެންޓް ރިޓަޔަމެންޓް ޕޭގެ ގޮތުގައި ދޭންވާނެއެވެ.

މި އިސްލާހުގެ 6.2ގައި ބުނެފައިވަނީ މުވައްޒަފުގެ އުމުރުން 65 އަހަރުވުމުން އެ މުވައްޒަފަކު ވަޒީފާއިން ރިޓަޔާކޮށް ޢިނާޔަތްތައް ދޭންވާނެ ކަމަށެވެ.

comment ކޮމެންޓް