ފައިސާ ހޯދުމަށް ދައުވާ ކުރަނީ ހަމައެކަނި ވިލާއާއި ޔޮޓް ޓުއާސް ކުންފުނީގެ މައްޗަށް ނޫންކަން ހާމަކޮށް، ޓޫރިޒަމް ދާއިރާގެ ބިމުކުލި ނުދެއްކުމުގެ ސަބަބުން މިދިޔަ މަހުގެ ތެރޭގައި ދައުވާކުރުމަށް ފޮނުވާފައިވާ 13 ކުންފުންޏެއްގެ މައުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއިން އާންމުކޮށްފިއެވެ.
އިއްޔެ މީޑިއާއިން ވަނީ، ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް ކުންފުންޏަށް ދޫކޮށްފައިވާ ދެރަށެއްގެ ކުލި ނުދައްކައިގެން އެކުންފުނީގެ އަތުން ތިން މިލިޔަން ޑޮލަރު ހޯދުމަށް ދައުވާކުރި ޚަބަރު އާންމުކޮށްފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމްގެ ވިލާ ގްރޫޕުގެ ދެ ކުންފުންޏެއްގެ ދަށުން އޮތް ރަށްތަކަކާއި ފަޅުތަކެއްގެ ކުލި ނުދައްކައިގެން ފައިސާ ހޯދުމަށް ދައުވާކުރި ޚަބަރުވެސް ވަނީ ގެނެސްފައެވެ.
މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މިދިޔަ މަހުގެ ތެރޭގައި މިފަދަ މައްސަލަތަކުގައި ތަފާތު 13 ރަށެއްގެ މައްސަލަ ޝަރީއަތަށް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލަތަކަކީ:
- އެގްޒޯޓިކް ޕްރޮޕަޓީޒް ޕވޓ ލޓޑ (ނ. ރާފުށި)
- އޭޝިއާ ރިސޯޓްސް ޕވޓ ލޓޑ (ތ. ކަޅުފަހަލަފުށި)
- އަތަމާ މެރިން އިންޓަނޭޝަނަލް (ބ. ކިހާދުއްފަރު - ކިހާ މޯލްޑިވްސް ރިސޯޓު)
- ތެލުވެލިގާ ރިޓްރީޓު ޕވޓ ލޓޑ (އދ. ތެލުވެލިގާ - ހޮޓެލް ޑްރިފްޓް ތެލުވެލިގާ ރިޓްރީޓު)
- ސިޓީ ހޮޓެލް ހަނިމާދޫ ޕވޓ ލޓޑ (ހދ. ހަނިމާދޫއިން ކުއްޔަށް ހިފާފައިވާ ބިމެއް)
- ބްލޫ ލެގޫން އިންވެސްޓްމެންޓްސް (އއ. މަޑޫގަލި - މަޑޫގަލި ރިސޯޓު އެންޑް ސްޕާ)
- ޔޮޓު ޓުއާސް މޯލްޑިވްސް (ހއ. ބީނާފުށި)
- ޔޮޓު ޓުއާސް މޯލްޑިވްސް (ހއ. އަލިދޫ - ޖޭ ރިސޯޓު އަލިދޫ)
- ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް (ލ. ކައްދޫއިން ކުއްޔަށް ހިފާފައިވާ ބިމެއް)
- ވިލާ ޝިޕިންގް އެންޑް ޓްރޭޑިންގް (ތ. އެލާ)
- މެދުފުށި އިންވެސްޓްމެންޓްސް (މ. މެދުފުށި)
- ތްރީ އޭ ކޮމްޕެނީ (ފ. ފިލިތެޔޮ - ފިލިތެޔޮ އައިލެންޑް ރިސޯޓު)
- ޖޭއެޗް ރިސޯޓްސް (ހދ. ކުޑަމުރައިދޫ)
މި ތޭރަ ރަށުގެ އިތުރުން. ލޯމާ ރިސޯޓު މޯލްޑިވްސް ހިންގާ ރ. މާމިގިލީގެ ކުލި ނުދައްކާ އޮތް ނަމަވެސް، އެ ކޭސް ރައްދުވާ ފަރާތް ނިޔާވެފައިވާތީ އެމައްސަލަ ސިވިލް ކޯޓުގައި ރެޖިސްޓްރީ ނުކުރެވި ވާ ކަމަށް މީރާއިން ބުނެއެވެ.
"މި މައުލޫމާތު އިއްޔެ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ފަތުރާފައިވަނީ ކަމުގެ މައުލޫމާތު ރަގަޅަށް އޮޅުން ނުފިލުވައި، ވަކި ފަރާތެއްގެ މައްސަލައެއްގެ ގޮތުގައި، ޙަޤީޤަތް އޮޅޭގޮތަށްކަން މީރާއިން ހިތާމައާއެކު ފާހަގަކުރޭ،" މީރާއިން ފޮނުވި ބަޔާނުގައި ބުނެފައިވެއެވެ.
މީރާއިން ބުނީ، ކުލި އަދި ޖޫރިމަނާ ނުދައްކައިގެން ޝަރީއަތަށް ހުށަހަޅާ މައްސަލަތައް އަނބުރާ ގެނެވޭނީ އެ ފައިސާ ދެއްކުމުން، ނުވަތަ ދައްކާނެ ގޮތަކާ މެދު މީރާއާ އެކު އެއްބަސްވުމަކަށް އައުމުން، ނުވަތަ އެ ފައިސާ ދެއްކުން ހުއްޓުވުމަށް ކޯޓު އަމުރެއް ނެރުން، ނުވަތަ އެއީ އެވަގުތަށް ދައްކަން ނުޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި، ކުލީގެ އެއްބަސްވުމަށް ބަދަލު ގެނައުމުން ކަމަށެވެ.
"ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ މީރާގެ ޤާނޫނީ ޒިންމާއެކެވެ. އެ ފައިސާ ހޯދުމުގައި އެ އޮތޯރިޓީން ޢަމަލު ކުރަމުންދަނީ އެ އޮތޯރިޓީގެ އެންފޯސްމެންޓް ޕޮލިސީ ގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިންނެވެ،" ބަޔާނުގައި ވެއެވެ.