ޒައިދަށް ދައުވާ ކުރަނީ ފަނޑިޔާރު އަލީ ހަމީދާއެކު ދެއްކި ވާހަކަތައް ވިއްކަން އުޅުމުން

22 ފެބްރުއަރީ 2017: ޒައިދު ކޯޓަށް ހާޒިރު ކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީންގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް ކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކެވުނު ވާހަކަތެކެއް ވިއްކަން އުޅުމުން ކަމަށް ދައުލަތުން ކުރި ދައުވާގައި ބުނެފި އެވެ.

ޒައިދުގެ މައްޗަށް އުފުލާފައި ވަނީ، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ އެވެ.

ދައުލަތުން ޒައިދުގެ މައްޗަށް ދައުވާ އުފުލި ސަބަބެއް ކަމަށް ދައުވާގައި ބުނެފައި ވަނީ ފަނޑިޔާރު އަލީ ހަމީދު ދެއްކި ކަމަށް ޒައިދު ބުނާ ވާހަކަތަކެއް ރިކޯޑު ކުރި ކަމަށް ބުނެ އެ ރިކޯޑިންގް އެކި ފަރާތްތަކަށް ވިއްކަން މަސައްކަތް ކުރުމެވެ.

އެމައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ އަޑުއެހުންތައް ސިއްރުކޮށްގެންނެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ސިއްރު ދެ ހެއްކެއް ހުށަހަޅައިފަ އެވެ.

ޒައިދުގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 232 ވަނަ މާއްދާގެ ދަށުންނެވެ. އަދި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އުފުލާފައި ވަނީ 233 ވަނަ މާއްދާގެ ދަށުންނެވެ. އަދި ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަަ މާއްދާގެ ދަށުންނެވެ.

އެ ތިން ދައުވާ ޒައިދުގެ މައްޗަށް ސާބިތު ވެއްޖެ ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ތިން އަހަރަށް ޖަލަށް ލުމެވެ. އަދި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު ކޮންމެ ދައުވާއެއް ސާބިތުވިޔަސް ހަތަރު މަހާ 24 ދުވަހަށް ޖަލަށް ލެވޭނެ އެވެ.

comment ކޮމެންޓް