ކުރީގެ ޑިފެންސް ޗީފް ޝިޔާމަށް ކުރި ދައުވާ ހައިކޯޓަށް

ކުރީގެ ޑިފެންސް ޗީފް ޝިޔާމް: އޭނާއަށް ކުރި ދައުވާ ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުރީގެ ޑިފެންސް ޗީފް އަހުމަދު ޝިޔާމްގެ މައްޗަށް ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ޝިޔާމަށް ދައުވާ ކުރީ ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑްގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގޭގައި ޝިޔާމްގެ ބައްފަ ދިރިއުޅުނު ކަމަށް ތުހުމަތުކޮށެވެ. ޝިޔާމްގެ ބައްޕަ އެ ފެސިލިޓީގައި އުޅުނީ އޭނާގެ އެންގުމަށް ކަމަށާއި، އޭނާގެ ބައްޕައަށް ސިފައިން އެކި ހިދުމަތްތައް ވެސް ދިން ކަމަށް ދައުވާގައި ބުނެފައިވެއެވެ.

އެކަމަކު، މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ޝިޔާމަށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ. އެހެންވެ، ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ މަހު 29 ގައެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޑިފެންސް ޗީފަކަށް ހުންނެވި ޝިޔާމް ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް، އޭނާގެ ބައްޕަ ދިރިއުޅުމަށް ބަހައްޓައި، އެ މުއްދަތުގައި އެނާގެ ބައްޕަ ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާ ހަވާލުކުރި ކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.

ކުރިން 2020 ވަނަ އަހަރު ޝިޔާމްގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވީ އޭރު ހުންނެވި ޕީޖީގެ އެންގެވުމަކަށެވެ. އޭސީސީން ފުރަތަމަ ނިންމީ ޝިޔާމާ ދެކޮޅަށް ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށެވެ.

comment ކޮމެންޓް