'ބާޣީ 2' ރިލީޒް ކުރާނެ ތާރީޚު ކަނޑައަޅައިފި

މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ބާޣީ'ގެ ދެވަނަ ބައި ރިލީޒް ކުރާނެ ތާރީޚު ހާމަކޮށްފި އެވެ.

ޓައިގާ ޝްރޯފް އަދި ޝްރައްދާ ކަޕޫރު ލީޑު ރޯލުން ފެނިގެން ދިޔަ 'ބާޣީ' އަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ އެކްޝަން ފިލްމެކެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ލިބިގެން ދިޔައެވެ.

ފުރަތަމަ ފިލްމުގެ ކާމިޔާބީ އާއެކު ފިލްމުގެ ސީކުއެލް އަކާމެދު ވިސްނަމުން އަންނަ ކަމަށް ޕްރޮޑިއުސަރު ސާޖިދު ނާދިއަޑްވާލާ ވަނީ ބުނެފަ އެވެ. މިހާރު މިވަނީ ފިލްމު ރިލީޒް ކުރާނެ ތާރީޚު ވެސް ހާމަކޮށްފައެވެ.

ލީޑު އެކްޓަރު ޓައިގާ ޝްރޯފް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ 'ބާޣީ 2' ރިލީޒް ކުރާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. ފިލްމު ރިލީޒް ކުރާނެ ތާރީޚުގެ އިތުރުން، ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކާލައިފައެވެ.

ދެވަނަ ބައިގައި ވެސް ޓައިގާ ފެނިގެން ދާނީ 'ރޯނީ'ގެ ރޯލުންނެވެ ފިލްމުގެ އަންހެން ލީޑު އެކްޓަރު އަދި ފައިނަލް ކޮށްފައެއް ނުވެ އެވެ.

ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތައް މިދިޔަ މާޗު މަހު ފެށިގެން ކުރިއަށް ދާއިރު، ފިލްމު ޑައިރެކްޓު ކުރާނީ އަހްމަދު ޚާން އެވެ. ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓު ކުރީ ސަބީރު ޚާން އެވެ.

ފިލްމަށް ތައްޔާރުވުމަށް އަންނަ ޖުލައި މަހު ޓައިގާ ޗައިނާއަށް ފުރާނެ އެވެ. އެއީ ޑައިރެކްޓަރު ޓޯނީ ޝިންގ ގެ ބެލުމުގެ ދަށުން، މާޝަލް އާޓްސް ފަރިތަކުރުމަށެވެ.

ޗައިނާ އަށް ފުރުމުގެ ކުރިން، މި މަހުގެ ތެރޭގައި ކަރަން ޖޯހަރުގެ 'ސްޓުޑެންޓް އޮފް ދަ އިޔަރ 2' ގެ ޝޫޓިން ވެސް ޓައިގާ ނިންމާނެ އެވެ.

comment ކޮމެންޓް