އަކްޝޭއަށް ގައުމީ އެވޯޑު ހައްގު: ސުނިލް ޝެޓީ

މިދިޔަ އަހަރުގެ އެންމެ މޮޅު އެކްޓަރުގެ ގައުމީ އެވޯޑު އަކްޝޭ ކުމާރަށް ހައްގު ކަމަށް، 'ދަޅްކަން' އަދި 'ހޭރާޕޭރީ' ފަދަ ފިލްމުތަކުގައި އަކްޝޭ އާއެކު މަސައްކަތް ކޮށްފައިވާ އެކްޓަރު ސުނިލް ޝެޓީ ބުނެފި އެވެ.

އަކްޝޭ މި އަހަރުގެ ގައުމީ އެވޯޑު ހޯދާފައި ވަނީ ކްރައިމް ތުރިލަރ ފިލްމު 'ރުސްތަމް' ގައި އޭނާ ދައްކުވައިދީފައިވާ ރޯލުންނެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ އަކްޝޭއަށް އެވޯޑު ހައްގު ނޫން ކަމަށް ބުނެ އޭނާ އަށް ފާޑުކިޔައިފައެވެ.

އެކަމާ ގުޅޭގޮތުން ސުނިލް އާ ސުވާލު ކުރުމުން އޭނާ ބުނީ އަކްޝޭ އަށް އެވޯޑު ހައްގު ނޫން ކަމަށް ބުނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެއީ މުޅިން ގޯސް ވާހަކައެއް. އަކްޝޭ ވަނީ ހިޓް އެތައް ފިލްމެއް ގެނެސްދީފައި. ކީއްވެ އެންމެ ފިލްމަކަށް ބަލަންވީ؟ ބަލަންވީ އޭނާގެ ކެރިއަރަށް. 100 އަށް ވުރެ ގިނަ ފިލްމު ކުޅެފި މިހާރު. މިއީ އޭނާ އަށް ހައްގު އެވޯޑެއް،" ސުނިލް ބުންޏެވެ.

ސުނިލް ބުނީ އަކްޝޭ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

"އަކްޝޭ ފިލްމީ ދާއިރާ އަށް ނުކުތް ދުވަސްވަރު އޭނާގެ 13 ފިލްމެއް ކާމިޔާބު ނުވުމުން މީހުން ވަނީ އޭނާގެ ކެރިއަރު ނިމުނީ ކަމަށް ބުނެފަ. އެކަމަކު އަކްޝޭ މިހާރު އަންނަނީ 100 ކުރޯޑުގެ އާމްދަނީ ހޯދާ ފިލްމުތައް ކުޅެމުން،" ސުނިލް އިތުރަށް ބުންޏެވެ.

އެވޯޑު އަކްޝޭއަށް ހައްގު ކަމަށް ސުނިލް ބުނެފައި ވާއިރު، އަކްޝޭ ވަނީ އެވޯޑު އޭނާއަށް ހައްގު ނޫން ކަމަށް ފެންނަ ނަމަ، އޭނާގެ އަތުން އެވޯޑު އަތުލިޔަސް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ.

comment ކޮމެންޓް