ތިން މަހުގެ ތެރޭ ތިން އަތޮޅެއްގައި ސޯލާ ހައިބްރިޑް ނިޒާމް ގާއިމް ކުރުމަށް ހަވާލު ކުރެވޭނެ: މިނިސްޓަރު

އިރުގެ އަލިން ކަރަންޓް އުފައްދާ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް އައްޑޫ ސިޓީގައި ފެށުމުގެ ގޮތުން އެރަށު ހިތަދޫ ސްކޫލުގެ ފުރާޅުމަތީގައި މިނިސްޓަރު ތާރިގް ސޯލާ ޕެނަލް ހަރުކުރަނީ --- ފޮޓޯ/ އެންވަޔަރަމަންޓް

ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން އަތޮޅެއްގެ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ގާއިމްކުރުމަށް ހަވާލުކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު، ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް 2018 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ރަށެއްގެ ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެމަތީ ލޯޑުގެ 30 ޕަސަންޓަށް ވުރެ މަދުނުވާ މިންވަރަށް ކަރަންޓު ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު ހަ މެގަ ވޮޓަށް އިތުރު ކުރެވިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދާ ހައިބްރިޑް ސިސްޓަމްތައް ގާއިމް ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ، އަންނަ ޖުލައި މަހުގެ ކުރިން ތިން އަތޮޅެއްގެ ހުރިހާ ރަށެއްގައި އިޔާދަކުރަނިވި ހަކަތަ އިން ކަރަންޓް އުފައްދާ ނިޒާމް ގާއިމްކުރުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ.

އެގޮތުން، ހދ. އަތޮޅުގެ ހުރިހާ ރަށެއްގައި އެ ނިޒާމް ގާއިމްކުރުމަށް ޓެންޑާ މަރުހަލާ މިހާރު ނިމިފައިވާއިރު، އެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ނ. އަދި ށ. އަތޮޅުގެ ހުރިހާ ރަށެއްގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދުމުގެ ނިޒާމް ގާއިމްކުރުމަށް ޓެންޑާ މަރުހަލާ ކުރިއަށްދާ ކަމަށާއި ޖޫން ނުވަތަ ޖުލައި މަހުގެ ތެރޭގައި އެ މަސައްކަތް ވެސް ހަވާލުކުރެވޭނެ ކަމަށެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، 2014 އަދި 2015 ވަނަ އަހަރު ހަތް ރަށެއްގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ހައިބްރިޑް ނިޒާމްތަކެއް ގާއިމްކޮށް، އދ. ދިއްދޫއާއި ވ. ރަކީދޫގައި އެ ނިޒާމް ގާއިމް ކުރެވި ހިދުމަތްދޭން ފަށާފައިވާ ކަމަށެވެ.

އޭގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގް ވިދާޅުވީ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ތ. ބުރުނީ އަދި ގއ. ވިލިނގިލީގައި ސޯލާ ޕެނަލް ހަރުކޮށް ކަރަންޓް އުފެއްދުމަށް ޓެސްޓް ކުރުމުގެ މަރުހަލާ ކުރިއަށްދާއިރު، އައްޑޫ ސިޓީގައި ގާއިމްކުރި 1.6 މެގަވޮޓްގެ ސޯލާ ޕެނަލް މިހާރު ޖަހައި ނިމިފައިވާ ކަމަށެވެ.

comment ކޮމެންޓް