އުރީދޫގެ އެކްސްޕީރިއެންސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި ގާއިމް ކުރި އެކްސްޕީރިއެންސް ސެންޓަރު --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

އުރީދޫގެ އެކްސްޕީރިއެންސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވައި އެތަނުގެ ޚިދުމަތްތައް ފަށައިފިއެވެ.

ހުޅުމާލޭގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުއްވައިދެއްވީ އެކުންފުނީގެ އާ ސީއީއޯ ނަޖީބު ޚާނެވެ.

އެ ސެންޓަރު ހުޅުވުމުގެ ކުރިން ވާހަކަ ދައްކަވަމުން ނަޖީބު ވިދާޅުވީ ހުޅުމާލެއަކީ ވަރަށް ޚާއްސަ ސިޓީ އެއް ކަމަށެވެ. އަދި އެއީ ކުރިއަރަމުން އަންނަ ސިޓީ އެއް ކަމަށާއި، މިހާރު ހުޅުމާލޭގެ އާބާދީ 40،000 އަށް އަރާފައިވާއިރު ކުރިއަށް އޮތްތަނުގައި އެރަށުގެ އާބާދީ ލައްކައަކަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ގާއިމް ކުރި އެކްސްޕީރިއެންސް ސެންޓަރު --- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"މިއީ ޓެކްނޮޖީގެ އީޖާދުތައް އަންނާނެ ތަނެއް. އަދި ގިނަ، އާ ކަންތައްތަކެއް ތައާރަފްވާނެ ތަނެއް. އެއާ އެކު އަޅުގަނޑުމެންގެ އާ އެކްސްޕީރިއެންސް ސެންޓަރަށް ތިޔަ އެންމެހާ ބޭފުޅުންނަށް މަރުހަބާ ކިޔަން،" ނަޖީބު ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ ހުޅުމާލެއަކީ މެދު ރާއްޖެތެރޭގައި ގާއިމް ކުރެވޭ ޓެކްނޮލޮޖީގެ ހަބަކަށް ހަދާނެ ކަމަށެވެ. އަދި ރާއްޖެގެ އެކި ސަރަހައްދުތަކުން ހުޅުމާލެއަށް ހިޖުރަ ކުރާ ފަރާތްތަކަށް ހުޅުމާލެއިން ޓެލެކޮމްއާއި ޓެކްނޮލޮޖީގެ މުޅިން އާ ތަޖުރިބާއެއް ކުރެވިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި އުރީދޫގެ އެކްސްޕީރިއެންސް ސެންޓަރެއް ގާއިމް ކުރަން ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ: މުހައްމަދު އަފްރާހް

"މިތަނުން ތިޔަ ފެނިވަޑައިގަންނަވަނީ ހުޅުމާލެއަށް އަންނަ އޮތް ޓެކްނޮލޮޖީގެ ކުޑަ މިންވަރެއް. މިއީ ފެށުން،" ނަޖީބު ވިދާޅުވިއެވެ.

މިރޭ ހުޅުމާލޭގައި ހުޅުވީ ސެލްފް ސާވިސް ކިއޮސްކަކާ އެކު އެވެ. އެތަނުގައި ކްލަބް ޕްރިމިއާ ލޯންޖަކާއި ޚިދުމަތްދޭ ހަތަރު ކައުންޓަރުވެސް ހުރެ އެވެ.

comment ކޮމެންޓް