ދައުލަތުން ކުރި ތިން ދައުވާ އަށް ޒައިދު އިންކާރު ކުރައްވައިފި

22 ފެބްރުއަރީ 2017: ޒައިދު ކޯޓަށް ހާޒިރު ކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މާލޭ ސިޓީގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީންގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާ އަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަރީއަތް ނިމެންދެން ޒައިދު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

މިއަދުގެ އަޑު އެހުން ސިއްރުން ކުރިއަށް ގެންގޮސްފައިވާ އިރު، އޭނާގެ މައްޗަށް ދައުވާ ކުރަނީ ފަނޑިޔާރެއް ދެއްކެވި ވާހަކަތަކެއް ސިއްރުން އަޑުއަހައި، ރިކޯޑުކޮށް އޭގެން ވީޑިއޯ ހަދައި ވިއްކަން އުޅުނު ކަމުގެ ތުހުމަތަށްކަމަށް ދައުލަތުން މިއަދު ވަނީ ޝަރީއަތުގައި ބުނެފަ އެވެ.

ޒައިދުގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 232 ވަނަ މާއްދާގެ ދަށުންނެވެ. އަދި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އުފުލާފައި ވަނީ 233 ވަނަ މާއްދާގެ ދަށުންނެވެ. އަދި ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަަ މާއްދާގެ ދަށުންނެވެ.

އެ ތިން ދައުވާ ޒައިދުގެ މައްޗަށް ސާބިތު ވެއްޖެ ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ތިން އަހަރަށް ޖަލަށް ލުމެވެ. އަދި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު ކޮންމެ ދައުވާއެއް ސާބިތުވިޔަސް ހަތަރު މަހާ 24 ދުވަހަށް ޖަލަށް ލެވޭނެ އެވެ.

ޒައިދުގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ މެއި މަހުގެ ދެ ވަނަ ދުވަހުގެ ރޭ 8:30 އަށް ވަނީ ތާވަލުކޮށްފައިވާ ކަމަށް އޭނާގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވި އެވެ.

ޒައިދު ހައްޔަރުކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާ ފުލުހުންގެ ބަންދަށް މިއަދު ބަދަލުކޮށްފައިވާ އިރު، މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ގޭބަންދަށްވެސް ބަދަލުކުރި އެވެ.

comment ކޮމެންޓް