ވެމްކޯއިން މާލޭގެ ހުރިހާ ސަރަހައްދަކުން ކުނި އުކައިދޭން ފަށައިފި

ވެމްކޯގެ މުވައްޒަފެއް އެ ކުންފުނިން ކުނި އުކައިލަން ގެންގުޅޭ އުޅަނދެއްގައި --- ސަން ފައިލް ފޮޓޯ

މާލޭގެ ހުރިހާ ޒޯނަކުން ކުނި އުކައި ދިނުމުގެ ހިދުމަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފަށައި، ހިދުމަތަށް އެދި ރަޖިސްޓަރީ ކުރަން ހުޅުވާލައިފި އެވެ.

އެކަން ވެމްކޯއިން އިއުލާނުކޮށްފައި ވަނީ މިއަދު މެންދުރު ފަހު ވެމްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދު އެވެ.

ވެމްކޯއިން މާލެއިން ކުނި އުކައިދިނުމުގެ ހިދުމަތް ކުރިއަށް ގެންދަނީ 13 ޒޯނަކަށް ބަހާލައިގެންނެވެ. ވެމްކޯ އިން ކަލެކްޝަންސް ސާވިސް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. މި އަހަރު ޖޫން މަހުގެ ނިޔަލަށް މާލޭގެ ހުރިހާ ޒޯނަކުން ކުނި އުކައިދޭން ފެށުމަކީ އެ ކުންފުނީގެ ޓާގެޓް ކަމަށް ވެމްކޯ އިން މައުލޫމާތުދެ އެވެ.

މީގެކުރިން ވެމްކޯއިން ކުނި އުކައިދިނީ ޒޯން އެކަކުން ހަޔަކާ ހަމައަށް ހިމެނޭ ޒޯންތަކުގެ ގެތަކުންނެވެ. ނަމަވެސް މިއަދު ވަނީ ބާކީ ހުރި ހަތް ޒޯނުން ކުނި އުކައިދޭން ފަށައިފައެވެ.

އެ ހިދުމަތް ލިބޭނީ ހިދުމަތަށް އެދި ރަޖިސްޓާކުރާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓާކުރަން ހަދަން ޖެހޭ ގޮތަކީ ވެމްކޯގެ ވެބްސައިޓުން ފޯމް ޑައުންލޯޑްކޮށް އެ ފޯމް ފުރުމަށް ފަހު، ވެމްކޯގެ އޮފީހަށް ހުށަހެޅުމެވެ. ނުވަތަ އެ އިދާރާގެ އީމެއިލަށް މެއިލް ކުރުމެވެ. ވެމްކޯގެ އޮފީސް ހުންނަނީ މާފަންނު ޖަމްބުގަސްދޮށުގެ ތިންވަނަ ފްލޯގައެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފުއާދު ވިދާޅުވީ، މިއަދު މުޅި މާލެއަށް ކުނި އުކުމުގެ ހިދުމަތަށް ރަޖިސްޓާވުމަށް ހުޅުވާލާފައިވާ އިރު، ސަރުކާރުން އާންމުކުރާ ގަވާއިދެއްގެ ދަށުން ޖޫން މަހުގެ ފަހުން ސައިކަލު ނުވަތަ ބައިސްކަލުގައި ކުނި އުކާލުން މަނާކުރެވޭނެ ކަމަށެވެ. އޭގެ ބޭނުމަކީ، ބައިސްކަލުތަކުގައި އަދި އެހެނިހެން ގޮތް ގޮތުން އުފުލާ ކުނި މަގުތަކަށް އެޅި މަގުތައް ހަޑިވުން ނިމުމަކަށް ގެނައުން ކަމަށް ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ފުޅާ ދާއިރާއެއްގައި ކުނި އުކައިދިނުމުގެ ހިދުމަތް ފަށާފައިވާ އިރު، މަސައްކަތަށް ބޭނުންވާ އިތުރު ވެހިކަލްތައް ވެސް މިހާރު ރާއްޖެއަށް ގެނައުމަށް ޝިޕްކޮށްފައިވާ ކަމަށެވެ.

ކުނި އުކާލުމުގައި ބޭނުންކުރުމަށް ވެމްކޯއަށް މިހާރު ގެނެސްފައި ވަނީ 2.5 މެޓްރިކް ޓަނުގެ 10 ކޮމްޕެކްޓް ޓްރަކާއި 250 ކިލޯގްރާމްގެ ކުނި އުފުލުމުގެ ގާބިލުކަން ލިބިފައިވާ 20 ޓްރައިސައިކަލެވެ.

ވެމްކޯ އިން ކުނި އުކައި ދިނުމަށް މަހުފީގެ ގޮތުގައި ގެއަކުން 100 ރުފިޔާ ނަގައެވެ.

comment ކޮމެންޓް