އުއްމީދަކީ މޫދު ވިނައިގެ ވިޔަފާރިން، ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ އާމްދަނީއެއް ހޯދުން: މިނިސްޓްރީ

މޫދު ވިނަ އާލަކުރުމުގެ މަޝްރޫއެއް ފެހެންދޫގައި ފެށުން: މަހަކު 63 ޓަނުގެ މޫދުވިނަ އެކްސްޕޯޓު ކުރެވޭ ކަމަށް މިނިސްޓްރީން ބުނޭ --- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ

ރާއްޖޭން މަހަކު 63 ޓަނުގެ މޫދު ވިނަ އެކްސްޕޯޓު ކުރާ ކަމަށާއި އުއްމީދަކީ އެ ވިޔަފާރިން، ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ އާމްދަނީއެއް ލިބުން ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްތަލިބު ވިދާޅުވީ، ރާއްޖޭގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ކުންފުންޏަކުން ތަޖުރިބާކޮށްފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބ. ފެހެންދޫގައި އެ މަސައްކަތް ފެށީ 100 ވަރަކަށް ކިލޯގެ މޫދުވިނަ އާލާކުރަން ކަމަށެވެ. އެކަމަކު، މިހާރު 63 ޓަނުގެ މޫދުވިނަ އާލާކޮށް، އެކްސްޕޯޓު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަރެއްގައި ހެދިފައިވާ މޫދުވިނަތަކެއް: ރާއްޖޭން މަހަކު 63 ޓަނުގެ މޫދު ވިނަ އެކްސްޕޯޓު ކުރޭ ---

އެހެންވެ، މިއީ ރަނގަޅު އިންވެސްޓުމަންޓެއްގެ ގޮތުގައި ސިފަކުރައްވައި، އޭނާ ވަނީ މިހާރު މަސައްކަތް ކުރަނީ މުޅި ރާއްޖެއަށް މޫދު ވިނަ އާލާކުރުމުގެ މަސައްކަތް ފުޅާކުރަންކަން ހާމަކުރައްވާފައެވެ.

މިގޮތުން، އުންމީދަކީ މި މަސައްކަތް ފުޅާވެ، ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ އާމްދަނީއެއް ނުވަތަ އެއަށް ވުރެ ބޮޑު އާމްދަނީއެއް ކައިރި މުސްތަގުބަލެއްގައި ލިބުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މެރިކަލްޗާއަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައި އެބަހުއްޓެވެ. އޭގެތެރޭގައި، ކ. މަނިޔަފުއްޓާއި މ. އަތޮޅާއި ބޮޑު ތިލަދުންމައްޗާއި ތ. އަތޮޅު ހިމެނެއެވެ.

ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް 2024 ވަނަ އަހަރު ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެއަށް މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރަށް އަރައެވެ. އޭގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަހެވެ.

އޭރު މިނިސްޓަރު ވަނީ، މަހުގެ ޕްރޮސެސިން ކެޕޭސިޓީ އިތުރުކުރެވުމުން މަސް ބޭރުކޮށްގެން ރާއްޖެއަށް ލިބޭ އާމްދަނީ 190 މިލިއަން ޑޮލަރަށް އިތުރުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގެ މެރިކަލްޗާ ސިނާއަތް، ބިލިއަނުން ރުފިޔާ ލިބޭ ވަރަށް ތަރައްގީކުރުމަކީ އުއްމީދެއް ކަމަށް ވެސް މިދިޔަ މާރިޗު ހަތަރެއްގައި ޝިޔާމް ވަނީ ވިދާޅުވެފައެވެ.

https://sun.mv/218701

މެރިކަލްޗާއަކީ ކަނޑުގެ ދިރުންތައް އާލާކޮށް، ވިޔަފާރިކޮށްގެން މަންފާ ހޯދުމަށް ކުރާ ކަނޑުފަޅުގެ ދަނޑުވެރިކަމެވެ.

އެ ސިނާއަތަކީ، ދަނޑުވެރިކަމަށް ވުރެ ބޮޑަށް ރާއްޖެއަށް ނަފާ ހޯދޭނެ ދާއިރާއަކަށްވާއިރު، މިހާތަނަށް އެ ސިނާއަތް ކުރިއަރުވަން ސަރުކާރުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި މޫދުވިނަ އާލާކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްދާއިރު، މިހާރު މަހެއްގެ މައްޗަށް 63 ޓަނުގެ މޫދުވިނަ ބޭރުކުރެއެވެ. ބ. ފެހެންދޫގައި ފެށި މި މަޝްރޫއުގެ ކާމިޔާބީއަށް ބިނާކޮށް، މުޅި ރާއްޖެއަށް މި މަސައްކަތް ފުޅާކުރުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ. ފިޝަރީޒް މިނިސްޓްރީގެ އުއްމީދަކީ، މެރިކަލްޗަރ ނުވަތަ ކަނޑުފަޅުގެ ދަނޑުވެރިކަމުގެ ތެރެއިން ކުރިއަރުވާ މި ސިނާއަތުން، ކަޅުބިލަމަހުގެ މަސްވެރިކަމުން ލިބޭ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އާމްދަނީއާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު މަންފާއެއް މުސްތަގުބަލުގައި ހޯދުމެވެ.

  • ބ. ފެހެންދޫގައި 100 ކިލޯއިން ފެށި މަސައްކަތް ފުޅާވެ، މަހަކު 63 ޓަނުގެ މޫދުވިނަ މިހާރު އެކްސްޕޯޓުކުރުން.
  • މޫދުވިނައިގެ ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން އިސްކަންދިނުން.
  • ކަޅުބިލަމަހުގެ މަސްވެރިކަމުން ލިބޭ އާމްދަނީއާ އެއްފަދަ ނަފާއެއް މި ސިނާއަތުން ހޯދުމަށް އަމާޒުކުރުން.
  • މެރިކަލްޗަރަށް ޚާއްސަކޮށްގެން ކ. މަނިޔަފުށި، މ. އަތޮޅު، ބޮޑު ތިލަދުންމަތި އަދި ތ. އަތޮޅު ކަނޑައެޅުން.
comment ކޮމެންޓް