ސެމީގައި ރެއާލާ ދެކޮޅަށް އެތުލެޓިކޯ، ޔުވެންޓަސްއަށް މޮނާކޯ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑަށް ލައްވައިލީ އެތުލެޓިކޯ މެޑްރިޑް، ޔުވެންޓަސް ވާދަކުރާން ޖެހެނީ މޮނާކޯ އާ --

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ސްޕެއިންގެ ވެރިރަށް މެޑްރިޑަށް ނިސްބަތްވާ ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރާން ޖެހުނު އިރު، އިޓަލީގެ ޔުވެންޓަސް އަށް ފްރާންސްގެ މޮނާކޯ ލައްވާލައިފިއެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނާއި އެންމެ ފަހުގެ ރަނަރަޕް މިފަހަރުގެ ސެމީގައި ލައްވާލިއިރު، ފާއިތުވި ތިން އަހަރު ގެ ތެރޭގައި މިދެޓީމު ޗެމްޕިއަންސް ލީގުގައި ކުރިމަތިލީ ދެފަހަރުވެސް ރެއާލް ވަނީ އެތުލެޓިކޯ މައްޗަށް ކުރިހޯދައިފައެވެ.

ކުއާޓަރގައި ޖަރުމަނުގެ ބަޔާން މިއުނިކު ކަޓުވާލުމަށްފަހު މިފަހަރުގެ ސެމީން ޖާގަހޯދި، މިހާތަނަށް 11 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ، ޒައިނުއްދީން ޒިދާންގެ ރެއާލަށް މިފަހަރުގެ މުބާރާތް ކާމިޔާބުކޮށް، ޖެހިޖެހިގެން އެމުބާރާތް ކާމިޔާބުކުރާ ފުރަތަމަ ޓީމަށް ވުމުގެ ޝަރަފް ހޯދުމަށް ފުރުސަތު އެބައޮތެވެ.

އެތުލެޓިކޯ މެޑްރިޑަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނުވި ނަމަވެސް އެޓީމު ވަނީ މީގެ ކުރީންވެސް މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ. 1974 ވަނަ އަހަރުގެ ފައިނަލްގައި އެތުލެޓިކޯ ބަލިވީ ބަޔާން މިޔުނިކް އަތުންނެވެ. މިފަހަރުގެ ސެމީން އެތުލެޓިކޯ ޖާގަހޯދީ އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ ކަޓުވާލުމަށްފަހުއެވެ.

ސްވިޒަލޭންޑްގެ ނިޔޯންގައި ބޭއްވި ޗެމްޕިއަންސް ލީގު ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ޔުއެފާ

އެތުލެޓިކޯގެ ޑިރެކްޓަރ ކްލަމެންޓޭ ވިޔަވާޑޭ ވިދާޅުވީ، ސެމީގައި ރެއާލް މެޑްރިޑާ ވާދަކުރާން ޖެހުމަކީ އެޓީމަށް އެއްވެސް ކަހަލަ ކަންބޮޑުވުމެއް އޮތް ކަމެއް ނޫންކަމަށެވެ. ހަމައެއާއެކު ރެއާލްގެ ޑައިރެކްޓަރ އޮފް އިންސްޓިޓިއުޝަނަލް ރިލޭޝަންސް އެމީލިއޯ ބުޓްރަގޫނޯ ވިދާޅުވީ، މި ދެޓީމުގެ ފާއިތުވީ ކުރިމަތިލުންތަކަކީ ކުރިއަށް އޮތް މެޗަށް އޭގެ އެއްވެސް އަސަރެއް ކުރާނޭ ކަމެއް ނޫން ކަމަށެވެ.

ޔޫރަޕްގެ ޗެމްޕިއަންކަން 1985 އަދި 1996ގައި ހޯދި ޔުވެންޓަސްއަށް މިފަހަރު ލައްވައިލީ ފްރާންސްގެ ލީގު ލީޑަރު މޮނާކޯއާއެވެ. މީގެ ކުރީން 2015 ވަނަ އަހަރުގެ ފައިނަލްގައި ބާސެލޯނާއަތުން ބަލިވި ޔުވެންޓަސް ވަނީ، މިފަހަރުގެ ކުއާޓަގައި ލުއިސް އެންރީކޭގެ ޓީމު 3-0 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށްފައެވެ.

މޮނާކޯއަށް މި މުބާރާތުގެ ފައިނަލާ ހަމައަށް އާދެވިފައި ވަނީ، އެންމެ ފަހަރަކުއެވެ. ހޯޒޭ މޮރީނިއޯގެ ޕޯޓޯ އަތުން 2004 ވަނަ އަހަރުގެ ފައިނަލްގައި ބަލިވި މޮނާކޯ ވަނީ، މިފަހަރުގެ މުބާރާތުގެ ސެމީއާ ހަމައަށް އައުމަށް ކުރި ދަތުރުގައި މެންޗެސްޓާ ސިޓީއާއި ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްފައެވެ.

ސޮކަ ޕަވަރ އިންޑެކްސްގެ ނަތީޖާއަށް ބަލާއި، އެތުލެޓިކޯ ބަލިކޮށް މުބާރާތުގެ ފައިނަލަށް ރެއާލް ދާނޭކަމަށް 67 އިންސައްތަ ބެލެވޭއިރު، މޮނާކޯ ބަލިކުރުމަށް ފަހު، ޔުވެންޓަސް ފައިނަލްގައި ވާދަކުރާނޭ ކަމަށް 70 އިންސައްތަ ބުރަވެއެވެ.

ސެމީގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ، މޭ 2 އަދި 3 ވަނަ ދުވަހުއެވެ. ދެވަނަ ލެގުގެ މެޗުތައް ޖެހިގެން އަންނަ ހަފްތާގައި ކުޅޭން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ފައިނަލް އޮންނާނީ ޖޫން 3 ވަނަ ދުވަހު ކާޑިފްގެ މިލޭނިއަމް ސްޓޭޑިއަމްގައެވެ.

comment ކޮމެންޓް