އެލްޖީއޭ ބޯޑުން މެމްބަރުން މަދުކޮށް، އަލުން ބޯޑު އެކުލަވައިލާ ބިލް ރައީސް ތަސްދީގުކުރައްވައިފި

ރައީސް ޔާމީން: އެލްޖީއޭގެ ބޯޑު މެމްބަރުންގެ އަދަދު މަދުކޮށް އަލުން ބޯޑު އެކުލަވާލުމަށް މަޖިލީހުން ފާސްކުރި ބިލް ރައީސް ވަނީ ތަސްދީގު ކުރައްވާފައި-- ސަން ފައިލް ފޮޓޯ

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު މެމްބަރުންގެ އަދަދު މަދުކޮށް އަލުން ބޯޑު އެކުލަވައިލުމަށް މަޖިލީހުން ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފިއެވެ.

މީގެ ކުރިން ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑުގައި ބައިތިއްބަން މަޖިލީހުން ފާސްކޮށްފައި ވަނީ ފަސް މެމްބަރުންނެވެ. އެ އިސްލާހުގައި ވާގޮތުން އެލްޖީއޭގެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ބޯޑުގައި ހިމެނޭ މެމްބަރުން

  • ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއް
  • ޖެންޑަ އިކުއަލިޓީ ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި އަންހެން މެމްބަރެއް
  • މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ތަޖުރިބާ ލިބިފައި ހުރި މެމްބަރެއް
  • ޗީފް އެގެޒެކެޓިވް އޮފިސަރެއް

އެ ބޯޑަށް އައްޔަން ކުރާ މެމްބަރުނަކީ މަޖިލީހުން ފާސްކޮށްގެން، މަޖިލީހުގެ ރުހުން ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ އެވެ. މަޖިލީހުން ފާސްކުރާ ނަންތަކަކީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާ ނަންތަކަށް ވާންޖެހޭ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.

މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ނަންތަކަކީ އެލްޖީއޭގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެންނިވަޑައިގަންނަވާ ނަންތަކަކަށް ވާން ޖެހެއެވެ. އެ މަގާމަށް ކުރިމަތިލާ ހުރިހާ ފަރާތްތަކެއްގެ ނަންތައް މަޖިލީހަށް ފޮނުވުމަށް އެ އިސްލާހުގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށްފައެއް ނުވެއެވެ.

ނަމަވެސް އެލްޖީއޭ ބޯޑަށް މަޖިލީހުން މިހާރު އައްޔަންކޮށްފައިވާ ބައެއް މެމްބަރުންނަކީ ސީދާ ރައްޔިތުންގެ މަޖިލީހުން އިއުލާންކޮށްގެން، އެ މަގާމުތަކަށް މަޖިލީހުން ހޮއްވަފާފައިވާ މެމްބަރުންނެވެ.

އަލަށް އައްޔަން ކުރާ ބޯޑުގެ މުއްދަތެއް ކަމުގައި ކަނޑައަޅާފައި ވަނީ ފަސް އަހަރު ދުވަހެވެ.

މެމްބަރުންގެ ހުންނަންޖެހޭ ޝަރުތުތައް

  • ދިވެއްސަކަށް ވުން
  • އުމުރުން 25 އަހަރު ފުރުން
  • ބުއްދި ސަލާމަތުން ހުރުން
  • ވޭތުވެދިޔަ ފަސްއަހަރު ހައްދު ކަނޑައަޅޭ ކުށެއް ސާބިތުނުވާ މީހަކަށްވުން
  • އިންތިހާބީ މަގާމެއް ނުވަތަ މުއައްސަސާއެއްގެ މެމްބަރަކަށް ނުވުން

އެލްޖީއޭގެ ބޯޑު އެކުލެވިގެންވާ ގޮތަށް ގެނައި ބަދަލު މަޖިލީހުން ފާސްކޮށް ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފެށުމާ އެކު މިހާރު އޮތް އެލްޖީއޭގެ ބޯޑު އުވިގެންދާނެ ކަމަށެވެ.

ކުރީގެ ގާނޫނު ބުނާ ގޮތުން އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލް މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން ކަނޑައަޅާ ހަތަރު މެމްބަރުންނާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމު މެމްބަރެއްގެ އިތުރުން ސިޓީއެއްގެ ކައުންސިލް މެމްބަރެކެވެ.

ނަމަވެސް މިއަދު ތަސްދީގުކުރި އިސްލާހާ ގުޅިގެން ކައުސިލްތަކަށް އެލްޖީއޭގެ ބޯޯޑުން ޖާގައެއް ނުލިބޭނެ އެވެ.

އެލްޖީއޭއަކީ ކައުސިލުތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތާއި ކައުސިލްތަކުގެ ހަމަތަކާއި އުސޫލުތައް ބެލުމަށް ކަނޑައަޅާފައިވާ މުއައްސަސާއެކެވެ.

comment ކޮމެންޓް