މޯހަން ބަގާންގެ ދަނޑުގައި އެޓީމު ބަލިކޮށް މާޒިޔާ ގްރޫޕްގެ ދެވަނައަށް

އޭޕްރީލް 4، 2017: އޭއެފްސީ ކަޕުގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ ބެންގަލޫރު އެފްސީ މާލޭގައި ކުޅު މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕްގައި އިންޑިޔާގެ މޯހަން ބަގާންއާ ދެކޮޅަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން މިރޭ ކުޅުނުމެޗު ކާމިޔާބުކޮށްފިއެވެ.

މިއަދު އިރުއޮއްސި ރާއްޖެގަޑިން 6:30 ގައި އިންޑިޔާގެ ކޮލްކަތާގައި ކުޅުނު މެޗު މާޒިޔާ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ގިނަ ހަމަލާތަކެއް އުފައްދައި ރަނގަޅަށް ކުޅުނީ މޯހަން ބަގާންއެވެ. އެޓީމުން މާޒިޔާގެ ގޯލަށް ނުރައްކާކުރި މެޗު ފެށުނީއްސުރެންވެސް މާޒިޔާގެ ޑިފެންސުން ފެނުނީ ވަރަށް އޮގަނައިޒް ކޮށެވެ. އިންޑިޔާގެ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއާ ޖޭޖޭ މާޒިޔާ ގޯލަށް ހަމަލާއެއް އުފެއްދޭތޯ މަސައްކަތް ކުރި ނަމަވެސް މާޒިޔާގެ ޑިފެންޑަރުންވަނީ އެ މަސައްކަތް ބޭކާރުކޮށްލާފައެވެ.

މަދުމަޑުން ގޭމްގެ ތެރެއަށް ވަދެ މާޒިޔާއިންވަނީ ފުރަތަމަ ހާފުގެ މެދެއްހާ ހިސާބުން މެޗުގެ ކޮންޓްރޯލް ނަގައި ކުރިއަށް ރަނގަޅު ބޯޅަތަކެއް ލައިގެން ހަމަލާއެއް އުފެއްދޭތޯ މަސައްކަތްކޮށްފައެވެ. މެދު ތެރެއިން މުހައްމަދު އުމެއިރް އަސަދުﷲއަށް ރަނގަޅު ބޯޅަތަކެއް ފޯރުކޮށްދިން ނަމަވެސް މާޒިޔާއަށްވެސް ގޯލަކަށް ބަދަލުކޮށްލާނެ ފުރުޞަތެއް ލިބިފައެއްނުވެއެވެ.

މެޗުގެ އޮއިވަރު މާޒިޔާކޮޅަށް ބަދަލުވެގެން ދިޔައީ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގައުމީ ޓީމުގެވެސް މުހިއްމު ކުޅުންތެރިއާ މުހައްމަދު އުމެއިރު ކާމިޔާބުކޮށްދިން ލަނޑުންނެވެ. މޯހަންބަގާންގެ ޕެނަލްޓީ އެރިޔާ ބޭރުން އޭނާއަށް ލިބުނު ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަދެ ގޯލްގެ ދުރު ފަރާތު ކަނަށް ބޯޅަ ފޮނުވާލިއިރު މޯހަން ބަގާންގެ ކީޕަރަށްވެސް އެބޯޅަ މަތަކުރެވޭ ގޮތެއް ނުވިއެވެ. އުމޭރު ވަނީ މާޒިޔާއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައިވެސް ގޯލެއް ކާމިޔާބުކޮށްދީފައެވެ.

މާޒިޔާގެ ލީޑާއެކު އެޓީމަށް ވަނީ އިތުރު ފުރުޞަތު ތަކެއްވެސް ގޯލް ޖެހުމަށް ލިބިގެން ގޮސްފައެވެ. ނަަމަވެސް ފުރަތަމަ ހާފް ނިމިގެންދިޔައީ މި ނަތީޖާއާއެކުއެވެ.

ދެވަނަ ހާފްފެށިގެން މާޒިޔާ ކޮޅަށް ގޯލް ޖަހަން މޯހަން ބަގާނަށް ރަނގަޅު ފުރުޞަތުތަކެއް ލިބިގެން ދިޔައެވެ. ނަމަވެސް މާޒިޔާގެ ޑިފެންސްލައިނުންވަނީ ވަރަށް ރަނގަޅަށް އެ ހަމަލާތައް ދިފާއުކޮށްފައެވެ. މި މެޗުގައި މާޒިޔާގެ އިރުފާންގެ ފަރާތުން ރަނގަޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ މޯހަން ބަގާންގެ އެންމެ ނުރައްކާތެރި ކުޅުންތެރިއާ ޖޭޖޭއަށް ތަފާތު ކުޅުމެއް ދެއްކުމަށް ހުރަސް އަޅައިފައެވެ.

ބޯކޮށް ވެހެމުންދިޔަ ވާރޭގައި ދެވަނަ ހާފުގެެ ބޮޑުބައި ކުޅެމުންދިޔައިރު ދެވަނަ ހާފުގައި އުމޭރުވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. އޭނާ ބަދަލު ކުރުމާ އެކު މާޒިޔާގެ މެދުތެރެ ކޮންމެވެސް ވަރަކަށް ބަލިވެގެން ދިޔަ ނަމަވެސް މޯހަން ބަގާން ކުޅުންތެރިނަަށް އެކަމުގެ ފައިދާ ނަގައި ގޯލެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.

މި މެޗު ނިމެން އުޅެނިކޮށް މާޒިޔާގެ ސެންޓްރަލް ޑިފެންޑަރު މިލޮސް ކޮވަސެވިޗަށް ވަނީ ދެވަނަ ރީނދޫ ކާޑު ދައްކައި ރަތްކާޑަކާ އެކު ދަނޑުން ފޮނުވާލާފައެވެ. އެއާއެކު މާޒިޔާގެ ޑިފެންސަށް ވަނީ ބާރު ބޮޑުވެގެންގޮސްފައެެވެ.

މި ނަތީޖާއާއެކު މާޒިޔާ ވަނީ ހަ ޕޮއިންޓާ އެކު އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގެ ދެވަނަ މަގާމަށް ޖެހިލައިފައެވެ. މެޗުން ބަލިވި މޯހަން ބަގާން އޮތީ ތިން ޕޮއިންޓާއެކު ތާވަލްގެ ތިން ވަނަައިގައެވެ. ގުރޫޕްގެ އެއްވަނަ ލިބެނީ އިއްޔެ ބަންގަލަދޭޝްގެ އަބަހާނީ އަތުން މޮޅުވި ބެންގަލޫރް އެފްސީއަށެވެ. އެޓީމުންވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދައިފައެވެ.

comment ކޮމެންޓް