ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައި ގާސިމް ފުލުހަށް ހާޒިރުކޮށްފި

19 އޭޕްރީލް 2017 ވަނަ ދުވަހު ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކުރުން ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ގާނޫނީ ސަރުކާރު ބަދަލުކުރާން މަސަތްކަތްތަކެއް ކުރާ ކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފި އެވެ.

މިއަދު 4:00ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ފަހު ދެ ގަނޑިއިރަށް ވުރެން ގިނިވަގުތު ހޭދަކުރުމަށް ފަހު ނިކުމެވެޑައިގެން އެމްއެމްއޭ ސަރަހައްދުގައި މީޑިއާތަކާ ވާހަކަފުޅު ދައްކަވަމުން ގާސިމްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެން ވިދާޅުވީ، ގާސިމް މިއަދު ފުލުސް އޮފީހަށް ހާޒިރުކުރީ މައިގަނޑު ދެ ކަމެއްގެ ތުހުމަތުގައި ކަމަށާއި ފުލުހުން ކުރިމަތިކުރުވި ސުވާލުތަަކަށް ގާސިމް ވަރަށް ފުރިހަމައަށް ޖަވާބުދާރީވެވަޑިއިގެންނެވި ކަމަށެވެ.

"މިއަދު ތުހުމަތުކުރެވުނު މައްސަލައަކީ ފުލުހުންނާއި ސިފައިން އަދި ފަޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސަތްކަތްކުރައްވާ ކަމުގެ ތުހުމަތަކާއި އަދި މިހާރު ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ބަދަލުކުރަން މަސަތްކަތްތަކެއް ކުރައްވާ ކަމުގެ ތުހުމަތު،" އޭނާ ވިދާޅުވި އެވެ.

ގާސިމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ އެކި ދާދި ފަހުން ވަނީ ކޯޓް އަމުރެއްގެ ދަށުން އެމަނިކުފާނު ދިރިއުޅުއްވާ މ. މާފަންނުވިލާ އާއި ވިލާ އޮފީސް ހިންގަމުން އަންނަ ވިލާ ބިލްޑިންގް ފުލުހުން ބަލައިފާސްކޮށްފަ އެވެ.

ހިސާން ވިދާޅުވީ، ގާސިމާ ގުޅުންހުރި ބައެއް ތަންތަން ބަލައިފާސްކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށާއި ނަމަވެސް މިއަދުގެ ތަހުގީގުގައި އެކަމާ ގުޅުންހުރި އެއްވެސް ސުވާލެއް ފުލުހުން ކޮށްފައިނުވާ ކަމަށެވެ.

ގާސިމްގެ މައްޗަށް އިތުރު ތުހުމަތުތަކެއް ކޮށްފައިވާއިރު މީގެކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުނުކަމަށް ބުނެ ގާސިމަށް ދައުވާ އުފުލައި، ޝަރީއަތް ފަށައިފަ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމަށް ބުނެ އެ މައްސަލާގައި ގާސިމަށް ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ.

comment ކޮމެންޓް