މާފުށި ބަލިކޮށް، ގުރައިދޫން ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފި

މިނިވަން ޗެމްޕިއަންޝިޕްގެ ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ގުރައިދޫ: އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މާފުށީގެ މައްޗަށް 1-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިގެން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕްގައި މާފުށި ބަލިކޮށް، ގުރައިދޫން ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ކ. އަތޮޅުގެ ޗެމްޕިއަންކަން ގުރައިދޫ ހޯދީ އަމިއްލަ ރަށުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މާފުށީގެ މައްޗަށް 1-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗުގައި މާފުށި އަދި ގުރައިދޫގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގައި ގުރައިދޫން ލަނޑު ޖަހާފައިވަނީ ދެވަނަ ހާފު ފެށިތާ ހަ މިނެޓް ފަހުންނެވެ. ގުރައިދުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ނިމާޒް އަހްމަދެވެ.

ކ. އަތޮޅު ބުރުގައި މާފުށްޓާއި ގުރައިދޫގެ އިތުރުން ވާދަކޮށްފައިވަނީ ދިއްފުށްޓާއި، ހިންމަފުށި އަދި ގުޅިއެވެ. އެ ބުރުގެ ފައިނަލަށް ގުރައިދުއާއި މާފުށި ދަތުރުކޮށްފައިވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ޓީމުގެ ގޮތުގައެވެ.

ކ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ގުރައިދޫން ދެން ވާދަކުރާން ޖެހޭނީ ޒޯން ބުރުގައެވެ. އެ ބުރުގައި ގުރައިދޫގެ އިތުރުން ދެން ވާދަކުރާނީ އއ. އަތޮޅުން މުބާރާތުގައި ބައިވެރިވެފައިވާ ހަމައެކަނި ޓީމު ކަމަށްވާ މާޅޮހާއި އދ. އަތޮޅު ޗެމްޕިއަންކަން ހޯދި ކުނބުރުދޫއެވެ.

ޒޯން ބުރުގައި މިމަހުގެ 18 ވަނަ ދުވަހު ކުޅޭ މެޗުގައި މާޅޮހާއި ކުނބުރުދޫ ބައްދަލުކުރާއިރު، މިމަހުގެ 21 ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުނބުރުދުއާއި ގުރައިދޫއެވެ. އަދި ޒޯންގެ ފަހު މެޗުގައި މިމަހު 24 ވަނަ ދުވަހު ބައްދަލުކުރާނީ ގުރައިދުއާއި މާޅޮހެވެ. ޒޯން ބުރުގެ ޗެމްޕިއަންކަން ލިބޭނީ އެ މެޗުތަކަށްފަހު އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަށެވެ. ހުރިހާ ޒޯނެއްގެ ޗެމްޕިއަން ޓީމުތަކަށް ފައިނަލް ބުރުން ޖާގަ ލިބޭނެއެވެ.

comment ކޮމެންޓް