އިސްކަންދަރު ބަލިކޮށް، 16 އަހަރުންދަށުގެ ޗެމްޕިއަންކަން މަޖީދިއްޔާ ހޯދައިފި

އިންޓަސްކޫލް 16 އަހަރުންދަށުގެ ޗެމްޕިއަންކަން ހޯދި މަޖީދިއްޔާ ސްކޫލް: އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ އެ އުމުރުފުރާގެ ފައިނަލުގައި އިސްކަންދަރުގެ މައްޗަށް 4-2 ލަނޑުން ކުރި ހޯދައިގެން --- ފޮޓޯ/ އެފްއޭއެމް

އިސްކަންދަރު ސްކޫލް ބަލިކޮށް، 16 އަހަރުންދަށުގެ އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މަޖީދިއްޔާ ސްކޫލް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު 16 އަހަރުންދަށުގެ ފައިނަލް މެޗުގައި އިސްކަންދަރުގެ މައްޗަށް މަޖީދިއްޔާ ކުރި ހޯދީ 4-2 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ދެ ލަނޑު ކާމިޔާބުކުރީ މަޖީދިއްޔާއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި މަޖީދިއްޔާއަށް މުހައްމަދު އަފްސަމް ލީޑު ހޯދައިދިންއިރު، މެޗުގެ 35 ވަނަ މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ވެސް ފުރަތަމަ ލަނޑު ޖަހައިދިން އަފްސަމްއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް، އިސްކަންދަރުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު އައިހަމް ސައީދެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 ލަނޑުން މަޖީދިއްޔާ ކުރީގައި އޮވެގެންނެވެ.

މެޗުގެ 62 ވަނަ މިނެޓުގައި މަޖީދިއްޔާގެ ތިންވަނަ ލަނޑު މުހައްމަދު އަނަމް އަހްމަދު ކާމިޔާބުކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން އިސްކަންދަރުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސައިސް މޫސާއެވެ. މެޗުގެ 68 ވަނަ މިނެޓުގައި މަޖީދިއްޔާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަފްސަމްއެވެ. އެ ލަނޑާއެކު އަފްސަމްގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ. މެޗުގެ ދެވަނަ ހާފުގެ ތެރޭގައި އިސްކަންދަރުގެ އަހްމަދު އައިހަމް ސައީދަށް ރަތް ކާޑެއް ދައްކާފައިވެއެވެ.

މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން:

  • އަދުހަމް ހަސަން (ގޯލްކީޕަރު) – އިސްކަންދަރު ސްކޫލް
  • އަހްމަދު ސާއިހް – ދަރުމަވަންތަ ސްކޫލް
  • އާލިމް އަބްދުލް ލަތީފް – އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
  • އިބްރާހިމް ސާވީ – މަޖީދިއްޔާ ސްކޫލް
  • އިބްރާހިމް އިމްރާން – އިސްކަންދަރު ސްކޫލް
  • އަހްމަދު އަފްސަމް – މަޖީދިއްޔާ ސްކޫލް
  • އަހްމަދު ސަމާހު – އިމާދުއްދީން ސްކޫލް
  • ޒަޔާން ނަސީރު – އިސްކަންދަރު ސްކޫލް
  • އަހްމަދު ރައިޝަމް ހުސައިން – އިމާދުއްދީން ސްކޫލް
  • އިސްމާއިލް މިމްރާހް މުއީން – މަޖީދިއްޔާ ސްކޫލް
  • އިބްރާހިމް އަނޫފް – އިމާދުއްދީން ސްކޫލް

އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިން:

  • އަހްމަދު އަފްސަމް – މަޖީދިއްޔާ ސްކޫލް (11 ގޯލް)
  • ޒަޔާން ނަސީރު – އިސްކަންދަރު ސްކޫލް (9 ގޯލް)
  • އަހްމަދު ރައިޝަމް ހުސައިން – އިމާދުއްދީން ސްކޫލް (9 ގޯލް)

ޗެމްޕިއަން ޓީމު: މަޖީދިއްޔާ ސްކޫލް

ރަނަރަޕް ޓީމު: އިސްކަންދަރު ސްކޫލް

ފެއާޕްލޭ ޓީމު: ގުރައިދޫ ސްކޫލް

comment ކޮމެންޓް