ލިލީގެ ހަތަރު ލަނޑާއެކު ހޯމް އެފެއާޒް އަތުން އާސަންދައަށް ފަސޭހަ މޮޅެއް

ކްލަބު މޯލްޑިވްސް ކަޕް 2017ގައި މޯލްޑިވް ގޭސްއާއި ހެލްތު ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގައި ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު އަހްމަދު އަބްދުﷲ (ލިލީ) ކާމިޔާބުކުރި ހަތަރު ލަނޑާއެކު ހޯމް އެފެއާޒް ރެކްރިއޭޝަން ކްލަބު އަތުން ފަސޭހަކަމާއެކު ކްލަބު އާސަންދަ މޮޅުވެއްޖެއެވެ.

ކުޅިވަރު އެކުވެނި ވެލިދަނޑުގައި ރޭ ކުޅުނު 'ގްރޫޕް އެޗް'ގެ މެޗުގައި ކްލަބު އާސަންދައިން ހޯމް އެފެއާޒްގެ މައްޗަށް ކުރި ހޯދީ 7-1 ލަނޑުގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި އާސަންދައިން ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްދިނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ގައުމީ ޓީމުގެ ޑިފެންޑަރު ލިލީއެވެ. އެ މެޗުގައި އާސަންދަގެ ހާއިޝް ހަސަން ދެ ލަނޑު ކާމިޔާބުކުރިއިރު، މުހައްމަދު މުބާހު އަދި މުހައްމަދު ސުޖާއު ޔޫސުފްގެ ވެސް ލަނޑެއް ކާމިޔާބުކުރިއެވެ. ހޯމް އެފެއާޒްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު އަސްލަމްއެވެ.

ރޭ ކުޅުނު 'ގްރޫޕް އެޗް'ގެ މެޗުގައި ކްލަބު އެޗްޑީސީއާއި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ ކުރިމަތިލުން ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގައި އެޗްޑީސީގެ ދެ ލަނޑު ވެސް މުހައްމަދު ސުޖަން އަހްމަދު ކާމިޔާބުކޮށްދިންއިރު، ކަސްޓަމްސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުމްތާޒް އަބްދުލް ރަޝީދާއި މުހައްމަދު ނައީމްއެވެ.

ރޭ ކުޅުނު 'ގްރޫޕް ޖީ'ގެ މެޗުގައި ޓީމް މެޑް އަތުން ޓީމް އެމްވައިއެސް ވަނީ 5-2 ލަނޑުގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗުގައި ޓީމް އެމްވައިއެސްއިން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު، ހުސައިން އަމީން ކާމިޔާބުކޮށްދިންއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މާލިކް އަބްދުލް ގަފޫރެވެ. އެ މެޗުގައި ޓީމް މެޑުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ރިއްފަތު ޖިހާދާއި އިލްވާން މުހައްމަދެވެ.

އެ މުބާރާތުގެ 'ގްރޫޕް ޖީ'ގައި ރޭ ކުޅުނު އަނެއް މެޗުގައި ސިވިލް ކޯޓުގެ މައްޗަށް ހައުސިން މިނިސްޓްރީން ވަނީ 3-0 ލަނޑުގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ. އެ މެޗުގައި ހައުސިންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު މުސްލިހުއާއި، އާދަމް އިޝާމް އަދި އަހްމަދު މައުސޫމް މުހައްމަދެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގެ މެޗުތައް ދެން ކުރިއަށްދާނީ މާދަމާއެވެ. އެ މުބާރާތުގައި މާދަމާ ޖުމްލަ އަށް މެޗެއް ކުރިއަށްދާނެއެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި މާދަމާ ކުޅޭ މެޗުތައް:

16:00- އެމްއޭސީއެލް – ހެލްތު ރެކްރިއޭޝަން ކްލަބު

16:00- ދިވެހި ސިފައިންގެ ކްލަބު – ޕްރިސަން ރެކްރިއޭޝަން ކްލަބު

17:10- ޔުނައިޓެޑް ބީއެމްއެލް – މޯލްޑިވް ގޭސް

17:10- މޯލްޑިވިއަން – ތައުލީމީ ގުޅުން

20:15- އެސްޓީއޯ ރެކްރިއޭޝަން ކްލަބު – އެލައިޑް

20:15- ކްލަބު އެމްޓީސީސީ – ޓީމް އެފްއެސްއެމް

21:30- ކްލަބު އިމިގްރޭޝަން – ކްލަބު ޓީސީއެލް

21:30- އެމްޕީއެލް – އެމްޑަބްލިޔުއެސްސީ

ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.

މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

comment ކޮމެންޓް