ފުރަތަމަ ހާފުގެ ލަނޑުން ޔޫވީ އަތުން ގްރީން ސްޓްރީޓްސްއަށް މޮޅެއް

މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުރަތަމަ ހާފުގައި ޖެހި ލަނޑުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ މައްޗަށް އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުންދާ ކްލަބު ގްރީން ސްޓްރީޓްސް ކުރި ހޯދައިފިއެވެ.

މިރޭ ކުޅުނު މާލޭ ލީގު މެޗުގައި ޔޫވީގެ މައްޗަށް ގްރީން ސްޓްރީޓްސް އިން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރިން ޔޫވީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ގްރީން ސްޓްރީޓްސް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެ އަދި އެއް މެޗުން ވަނީ އެއްވަރުވެފައެވެ.

މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިރޭ ކުޅުނު މެޗުގައި ގްރީން ސްޓްރީޓްސުން ކާމިޔާބު ކުރި ލަނޑު ފެނިގެން ދިޔައީ މެޗުގެ 18 ވަނަ މިނެޓުގައެވެ. ގްރީން ސްޓްރީޓްސްއަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ބިދޭސީ ފޯވަޑް ސޮބޯލް އިލިއާއެވެ.

މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް ގްރީން ސްޓްރީޓްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ. ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓް ފަހުން ގްރީން ސްޓްރީޓްސްއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އުލޮއާ ފޮނުވާލި އެ ހަމަލާ ޔޫވީގެ ކީޕަރު އަމިރޯވް ރުސްލާން ވަނީ މަތަކޮށްފައެވެ.

މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ގްރީން ސްޓްރީޓްސް މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ދެ ވަނަ ހާފުގައި ޔޫވީން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ގްރީން ސްޓްރީޓްސްގެ ޑިފެންސް ލައިންގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. އެހެންކަމުން ގްރީން ސްޓްރީޓްސް ކީޕަރު ޔުން ކޮޗީއަށް ވެސް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެއް ނުވެއެވެ.

މާލޭ ލީގުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ކްލަބު އީގަލްސް އާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ. އަދި އެ ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކްލަބު ވެލެންސިއާއެވެ.

comment ކޮމެންޓް