ފަހަތުންއަރައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

މާލޭ ލީގުގައި މާޒިޔާއާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާލޭ ލީގުގައި ފަހަތުންއަރައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައްޗަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ކުރި ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާއިން ނިއުގެ މައްޗަށް ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރިން ނިއުއިން ކުޅުނު ތިން މެޗުން މޮޅުވެފައިވާއިރު، މާޒިޔާއިން ވަނީ ކުރިން ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައެވެ. ލީގުގައި ނިއުއިން ވަނީ މާޒިޔާއަށްވުރެ އިތުރަށް އެއް މެޗު ކުޅެފައެވެ.

މާލޭ ލީގުގައި މާޒިޔާއާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަލާތަކެއް ފެނިގެންދިޔައެވެ. އެގޮތުން ނިއުގެ ބިދޭސީ ކުޅުންތެރިޔާ ގަލާޑޯ ވަލްޑޭސް އެޑްރިއަންއާއި އަލީ ފާސިރު (ސެންޓޭ)ގެ ހަމަލާއެއް ފެނިގެންދިޔައިރު، މާޒިޔާގެ އަސްހަދު އަލީ (އަޑުބަރޭ) އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ)ގެ ފަރާތުން ވެސް ހަމަލާއެއް ފެނިގެންދިޔައެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ނިއުއިން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ގަލާޑޯ ނަގައިދިން ހުރަހަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އަކްރަމް އަބްދުލްޣަނީ (އަކޫ)އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ނިއު ކުރީގައި އޮވެގެންނެވެ.

މާލޭ ލީގުގައި މާޒިޔާއާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މާޒިޔާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 52 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ހަމަލާއަކުން މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް އެލެކްސެންޑާ ރަކިޗްއެވެ.

މެޗުގައި މާޒިޔާއިން ފުރަތަމަ ފަހަރަށް ލީޑު ހޯދީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މާޒިޔާގެ ކެޕްޓަން އަސައްކޮ ދިން ރީތި ބޯޅައަކުން އެޓީމަށް ލީޑު ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ހަސަން ޝިފާޒްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއިން ފޮނުވާލި ރީތި ހަމަލާއަކުންނެވެ.

މާލޭ ލީގުގައި މާޒިޔާއާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 2-1 ލަނޑުގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، ނިއުއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ރީބައުންސް ބޯޅައަކުން ހުސްކޮށް ހުރެ، ސެންޓޭ ފޮނުވާލި އެ ހަމަލާ މާޒިޔާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މާލޭ ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަމުންދާ ކްލަބު ގްރީން ސްޓްރީޓްސްއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އެވެ.

comment ކޮމެންޓް