ގްރީން ސްޓްރީޓަށް ޔޫވީ މެޗަކީ ފައިނަލެއް، ޔޫވީ ނުކުންނާނީ ތިން ޕޮއިންޓް ކަށަވަރު ކުރަން

(ކ) ޔޫވީގެ އެސިސްޓަންޓް ކޯޗު ހަސަން އަލީ(ވ) ސޮބާހް މުހައްމަދު --ސަންފޮޓޯ/ ފަޔާޒް މޫސާ

މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ކުޅޭ މެޗަކީވެސް ގްރީން ސްޓްރީޓަށް ފައިނަލް މެޗެއް ކަމަށާއި ކުރިއަށްދިޔުމަށް މި މެޗުން ނަތީޖާ ނެރުން މުހިއްމު ކަމަށް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު ބުނެފިއެވެ.

މި މެޗާ ގުޅޭގޮތުން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޮބާހް ބުނީ ގްރީން ސްޓްރީޓަށް މި މެޗަކީ ވެސް މުހިއްމު މެޗެއްކަމަށާއި ނުކުންނާނީ ފައިނަލް މެޗެއް ކަމަށް ދެކިގެން ކަމަށެވެ.

" ގްރީން ސްޓްރީޓަށް މިއީ ހަމަ ފައިނަލް މެޗެއް. ޔޫވީ އާ ދެކޮޅަށް ނުކުންނާނީ ނަތީޖާ ނެރެން. އުންމީދަކީ މޮޅުވުން،" ސޮބާ ބުންޏެވެ.

ސޮބާ އިތުރަށް ބުނީ ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދިޔަ ރޯގާގެ ސަބަބުން ލީގު މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ލީގު ފެށި އިރު ކުޅުންތެރިންގެ މޯޓީވޭޝަނަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް މިވަގުތު މުޅި ޓީމުގެ ވިސްނުން އޮތީ މި މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ.

ޔޫވީގެ އެސިސްޓަންޓް ކޯޗު އަލީ ހަސަން ބުނީ ޓީމުގެ ހެޑް ކޯޗު ބަދަލް ވުމާއި އަދި މި ފަހަކަށް އައިސް ޓީމަށް ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ކުރިމަތިވިނަމަވެސް މިހާރު އެ ހުރިހާ މައްސަލައެއްވެސް މަޑު މަޑުން ހައްލުވަމުން އަންނަ ކަމަށާއި ޔޫވީ ވެސް ނުކުންނާނީ މެޗުން ރަނަގަޅު ނަތީޖާއެއް ނެރުމަށްކަމަށެވެ.

ޔޫވީގެ ހެޑް ކޯޗް މުހައްމަދު އާތިފް އިސްތިއުފާ ދީފައިވާއިރު މިރޭގެ މެޗުގައި އަަލަށް އެޓީމަށް ހަމަޖެއްސި ކޯޗު އިސްމާއިލް ނަޒީހު ބެންޗުން ފެނިގެންދާނެ ތޯ ސުވާލް ކުރުމުން ހަސަން ބުނީ އިރާދަކުރެއްވިޔާ ފެނިގެންދާނެ ކަަމަށެވެ.

ޔޫވީއާ ގްރީން ސްޓްރީޓް ބައްދަލުކުރާ މެޗު އޮންނާނީ މިރޭ 21:00 ގައެވެ.

comment ކޮމެންޓް