ރެފްރީން އަބަދުވެސް މެޗަށް ތައްޔާރުވޭ، މައްސަލައެއް އުޅޭނަމަ ބަލާނަން: ޖަވާޒް

އެފްއޭއެމްގެ ޖެނެރަލް ސެކެރަޓަރީ ހުސެން ޖަވާޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެ މުބާރާތަކަށްވެސް އަދި ކޮންމެ މެޗަކަށްވެސް ރެފްރީން ފުރިހަމައަށް ތައްޔާރުވާ ކަމަށާއި ރެފްރީންނާ ގުޅޭ އެންމެހައި ކަންކަން ވަރަށް ގާތުން، އެފްއޭއެމްއިން ބަލަމުންދާ ކަމަށް އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެން ޖަވާޒް ވިދާޅުވެއްޖެއެވެ.

ޖަވާޒް މިހެން ވިދާޅުވީ، މާލޭ ލީގުގެ ބައެއް މެޗުތަކުގައި ރެފްރީންގެ އަމަލުތައް ހުންނަ ގޮތުން ބައެއް ޓީމުތަކުގެ ކޯޗުން ރެފްރީންނަށް ފާޑުކިޔުންތައް އަމާޒުކުރަމުން ދާތީ ރެފްރީންގެ މަސައްކަތް ހަރުދަނާ ކުރުމަށް އެ އިދާރާއިން ކުރަމުންދަނީ ކޮން މަސައްކަތެއްތޯ ސަންސްޕޯޓްސްއިން ސުވާލުކުރުމުންނެވެ.

ޖަވާ ވިދާޅުވީ، ރެފްރީންގެ ކަންކަމަކީ ކޮންމެ މެޗެއްގައިވެސް ވަރަށް ރަނގަޅަށް ބެލެމުން އަދި އެސެސް ކުރެވެމުންދާ ކަމެއް ކަމަށާއި ރެފްރީންނަށް ހެދޭ ގޯސްތައް ރަނގަޅުކޮށް ހަރުދަނާ ކުރަންޖެހޭ ކަންކަން ހަރުދަނާ ކުރުމަށް އެފްއޭ ތެރޭގައި އޮންނަ ކޮމިޝަންތަކުން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރެފްރީން ކޮންމެ މެޗަކާވެސް އަދި ކޮންމެ މުބާރަތަކާވެސް ކުރިމަތިލަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށް ޖަވާ ވިދާޅުވިއެވެ.

"މާލޭ ލީގު ފެށުމުގެ ކުރިންވެސް އަޅުގަނޑުމެން ވާނީ ރެފްރީން ތައްޔާރު ކުރުމަށް ހާއްސަ ކަންތައްތަކެއް ކުރިއަށް ގެންގޮސްފަ. އަދި އޭގެ ފަހުންވެސް ކޮންމެ މެޗަކަށްވެސް ރެފްރީން ދާނީ ތައްޔާރުވެގެން،" ޖަވާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރެފްރީންގެ ބައެއް މައްސަލަ ތަކުގެ ވާހަަކަ މީޑިޔާގެ ޒަރިއްޔާއިން އެނގިފައިވާކަމަށާއި ނަމަވެސް މިހާތަނަށް މާލޭ ލީގުގައި ހިނގި ކަމަކާ ގުޅިގެން ރަސްމީ ގޮތެއްގައި އެއްވެސް މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައި ނުވާކަމަށެވެ. އަދި އެ އިދާރާއަށް ހުށަހެޅުމުން އެފަދަ މައްސަލަތައް ހާއްސަ އިސްކަމެއްދީގެން ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭ ލީގުގައި މިހާތަނަށް ކުޅުނު ބައެއް މެޗުތަކުގައި ރެފްރީން އަމަލުކުރި ގޮތާމެދު ބައެއް ކޯޗުން ފާޑުކިޔާފައިވާއިރު ބުދަ ދުވަހުގެ ރޭ ވިކްޓަރީއާ ޓީސީ ކުޅުނު މެޗަށް ފަހު ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ރެފްރީން މިހާރަށް ވުރެ ބޮޑަށް މެޗަށް ސީރިއަސް ވާންޖެހޭ ކަމަށާއި މުޅި އެ މެޗުވެސް ދިޔައީ ގޯހުން ގޯހަށް ކަމަށެވެ.

comment ކޮމެންޓް