މާޒިޔާ- ނިއުރޭޑިއަންޓް: ދެޓީމުގެ ކޯޗުންވެސް ތިން ޕޮއިންޓަށް ކެތް މަދުވެފައި

(ކ) ނިއުރޭޑިއަންޓްގެ ކޯޗް ބެނާޑޯ ޓަވަރޭސް(ވ) މާޒިޔާގެ ކޯޗް މާރެޔާން ސެވެލޮސްކީ -- ސަންފޮޓޯ/ ފަޔާޒް މޫސާ

މިއަދު ހަވީރު މާލޭ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު ބައްދަލުކުރާ މެޗަކީ ދެ ޓީމުގެ ކުޅުންތެރީންނަށްވެސް އުނދަގޫ ވާނެ މެޗެއްކަމަށް އެ ދެ ޓީމު ކޯޗުން ބުނެފިއެވެ.

މިއަދު ހަވީރު 16:00ގައި މި ދެޓީމުގެ ކުރިމަތިލުން ފެށިގެންދާއިރު މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން އެ ދެ ޓީމު ބަލިވެފައެއް ނުވެއެވެ.

ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް މަރުޔާން ސެކުލޮވްސްކީ ބުނީ ބެންގަލޫރު އެފްސީ ފަދަ ޓީމަކާ ދެކޮޅަށް ވަރުގަދައަށް ކުޅެ ފަހުވަގުތު ލަނޑެއް ވަދެގެން ބަލިވިޔަސް އެއީ ހިތްވަރު އެލުވާލަން ވީ ވަރުގެ ކަމެއް ނޫންކަމަށާއި އެމެޗުގެ ނަތީޖާއިން ދޭހަކޮށްދެނީ މާޒިޔާއަށް ރަނގަޅު ފެންވަރުގެ ޓީމް ތަކާ ކުރިމަތިލެވޭނޭކަން ކަމަށެވެ. އަދި ލީގުގައި ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފަދަ ވަރުގަދަ މެޗެއް ކުޅެން ލިބުމަކީ މިވަގުތަށް ވަރަށް މުހިއްމު ފައިދާއެއް އޭގެ ސަބަބުން ކުރާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ނިއުރޭޑިއަންޓަކީ މޮޅު ޓީމެއް. މި މެޗަކީ އަހަރަމެންނަށް ވަރަށް މުހިއްމު މެޗެއް. އުންމީދު މިކުރަނީ ބެންގަލޫރު އެފްސީ މެޗުން ލިބުނު ތަޖުރިބާގެ ވެސް އެހީއާއެކު ތިން ޕޮއިންޓް ލިބޭނެ ކަމަށް،" އޭނާ ބުންޏެވެ.

ނިއުރޭޑިއަންޓްގެ ކޯޗް ބެނާޑޯ ޓަވަރޭސް ބުނީ ސަމާލުވާން ޖެހޭނީ މާޒިޔާގެ ޑިފެންސަށް ކަމަށާއި އެ ޓީމުގެ ޑިފެންސް ވަރަށް ވަރުގަދަ ކަމަށެވެ. އަދި ބުނީ މާޒިޔާ ގޯލަށް ލީގުގައި މިހާތަނަށް ލަނޑެއް ނުވަދެ އޮތުމަކީ އެޓީމަށް ވަރަށް ވަރުގަދަ މޯޓީވޭޝަނަކަށް ވާނެ ކަމަށާއި މާޒިޔާ ނުކުންނާނީ ކޮންމެ ގޮތެއް ހަދައިގެންވިޔަސް ބައިކޮޅަށް ގޯލެއް ނުވަދެ ވޭތޯ ބަލަން ކަމަށެވެ. ނަމަވެސް ނިއުގެ އަމާޒަކަށް ވާނީ މާޒިޔާ ކޮޅަށް މި ސީޒަނުގައި ގޯލެއް ޖަހާ ފުރަތަމަ ދިވެހި ޓީމަށްވުން ކަމަށް ކޯޗު ޓަވަރޭސް ބުންޏެވެ.

"ހުރިހާ ކުޅުންތެރީންގެވެސް ޒިންމާ އެބައޮތް މެޗުން މޮޅުވާން މަސައްކަތް ކުރުމަށް. ވަކިވަކި ކުޅުންތެރިންނަށް ބަރޯސާ ވުމަށް ވުރެ މި މެޗުން ނަތީޖާ ނެރޭނީ މުޅި ޓީމް އެއްކޮށް،" ޓަވަރޭސް ބުންޏެވެ.

އެސްޓިއޯ މާލޭ ލީގުގައި މިވަގުތު ނިއުރޭޑިއަންޓް އޮތީ އެޓީމު ކުޅުނު ތިން މެޗުން 9 ޕޮއިންޓާއެކު އެއްވަނަ މަގާމުގައެވެ. ނިއުއަށް ވުރެ އެއް މެޗު މަދުން ކުޅެ 6 ޕޮއިންޓާއެކު މާޒިޔާ އޮތީ ތާވަލުގެ ތިންވަނަ މަގާމުގައެވެ.

comment ކޮމެންޓް