ސެންޓޭ 2020 ވަނަ އަހަރާ ހަމައަށް ނިއުގައި މަޑުކުރަން ނިންމައިފި

(ކ) ނިއުރޭޑިއަންޓްގެ ޗެއާމަން ކާނަލް ޒިޔާދް (ވ) އަލީ ފާސިރު (ސެންޓޭ) އާ ޖާޒީ ހަވާލް ކުރަނީ --ސަންފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާ އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއާ އަލީ ފާސިރް (ސެންޓޭ)، އިތުރު ތިން އަހަރު ނިއުރޭޑިއަންޓުގައި މަޑުކުރުމަށް ނިންމައި އެއްބަސްވުން އާ ކޮށްފިއެވެ.

މިރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ސެންޓޭ، 2020 ވަނަ އަހަރާ ހަމައަށް ނިއުގައި މަޑުކުރަން ނިންމައި ސޮއިކުރި އެއްބަސްވުމުގައި ނިއުގެ ފަރާތުން ސޮއިކުރެއްވީ އެ ކުލަބުގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ޒިޔާދެވެ.

ވޭތުވެދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅުކުޅުމެއް ދެއްކި ސެންޓޭ ނިއުއަށް ސޮއިކުރީ މީގެ ހަތަރު މަސްކުރިންނެވެ. މީގެކުރިންވެސް ނިއުރޭޑިއަންޓަށް ކުޅެ ކާމިޔާބު ތަކެއް ހޯދައިފައިވާ ސެންޓޭ، ނިއުއާއެކު އެއްބަސްވުން އިތުރު ތިން އަހަރަށް އާކުރުމަށްފަހު ބުނީ ނިއުގައި ތިން އަހަރު އިތުރަށް މަދުކުރަން ނިންމީ ނިއުގެ މެނޭޖްމަންޓުން މިހާތަނަށް ކަންތައް ކުރިލެއް ރަނގަޅު ކަމުންކަމަށެވެ. އަދި ކުޅުންތެރިއަކަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ނިއުގެ މެނޭޖްމަންޓުން ފުރިހަމައަށް ދެމުންދާތީ ނިއުރޭޑިއަންޓްގައި ރަނގަޅު މުސްތަގުބަލެއް އޮތް ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް ހުނަރުވެރި ފޯވާޑް ބުންޏެވެ.

" ނިއުގެ މެނޭޖްމަންޓް ވަރަށް ރަނގަޅު. ހާއްްސަކޮށް ޗެއާމަންގެ އެހީ ވަރަށް ބޮޑަށް ކުޅުންތެރިންނަށް ލިބޭ. އަދި ހަމަ މި ނިންމުމަކީ މުސްތަގުބަލަށް ވެސް ފައިދާ ކުރާނެ ނިންމުމެއް ކަމަށް ގަބޫލުކުރެވޭ،" ސެންޓޭ ބުންޏެވެ.

މި ރަސްމިއްޔާތުަގއި ވާހަކަފުޅު ދައްކަވަމުން ކާނަލް ޒިޔާދު ވިދާޅުވީ ސެންޓޭ ފަދަ މުހިއްމު ކުޅުންތެރިން ކުލަބުތަކާ އެކު ދިގު މުއްދަތަކަށް ސޮއިކުރުމަކީ ކުލަބަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމެއް ކަމަށާއި މިވަގުތު ކުލަބުގައި ތިބި އިތުރު ބައެއް މުހިއްމު ކުޅުންތެރިންވެސް ކުލަބުގައި ދިގު މުއްދަތަކަށް މަޑުކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ.

މާލޭ ލީގުގައި ނިއުރޭޑިއަންޓް ވާދަ ކުރަމުންދާއިރު އެ ކުލަބުން ވަނީ ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. ޖުމުލަ ނުވަ ޕޮއިންޓާ އެކު އެކުލަބު ތާވަލްގެ އެއްވަނާގައި އޮތް އިރު މާދަމާ ރޭ އެޓީމު ނުކުންނާނީ އެންމެ ފަހުގެ ދިވެހި ޕްރިމިއަރ ލީގު ޗެމްޕިއަން މާޒިޔާއާ ދެކޮޅަށެވެ.

comment ކޮމެންޓް