ޓްރެވެލާސް ޗޮއިސްގައި އެމިރޭޓްސްއަކީ ދުނިޔޭގެ އެއްވަނަ އެއާލައިން

އެމިރޭޓްސްގެ ފްލައިޓެއް -- ފޮޓޯ/ ގެޓީ

ޓްރިޕްއެޑްވައިޒާގައި ފަތުރުވެރިންގެ ރިވިއުތަކަށް ބަލާފައި ކޮންމެ އަހަރަކު ވެސް ދޭ ޓްރިޕްއެޑްވައިޒާ ޓްރެވެލާސް ޗޮއިސް އެވޯޑްސްއިން މިއަހަރުގެ ބެސްޓް އެއާލައިންގެ މަގާމު އެމިރޭޓްސްއަށް ލިބިއްޖެއެވެ.

ޓްރެވެލާސް ޗޮއިސްގެ އެއާލައިން ކެޓަގަރީގެ ނަތީޖާތައް ނެރެފައިވާ އިރު، މުޅި އެއާލައިން އިންޑަސްޓްރީން ހޮވާލެވޭ ގަދަ 10 އެއާލައިނުގެ އެއް ވަނާގައި ވަނީ އެމިރޭޓްސްއެވެ.

އެމިރޭޓްސްއަކީ ރާއްޖެއާ ސްރީލަންކާގެ ކޮލޮމްބޯ، އަދި ރާއްޖެއާ ދުބާއީއާ ގުޅުވައިދޭ އެއާލައިނެކެވެ.

ބައިނަލްއަގުވާމީ ކެޓަގަރީގެ އެއްވަނަ އެއާލައިނުކަން އެމިރޭޓްސްއަށް ލިބުނު އިރު، ބެސްޓް އިކޮނޮމީ ކްލާސް އަދި ބެސްޓް ފަސްޓް ކްލާސް އެއާލައިނުގެ ޝަރަފުވެސް ލިބުނީ އެމިރޭޓްސްއަށެވެ. އަދި ސަރަހައްދީ ފެންވަރުގައި ބަލާއިރު، މެދުއިރުމަތީގެ އެންމެ ރަނގަޅު އެއާލައިނަކީވެސް އެމިރޭޓްސްއެވެ. މެދުއިރުމަތީގެ ދެވަނަ އަދި ތިންވަނަ ލިބެނީ ގަތަރު އެއާވޭސްއާއި އިއްތިހާދު އެއާވޭސްއެވެ.

މުޅި ދުނިޔެއަށް ބަލާއިރު އެމިރޭޓްސްއާ ޖެހިގެން ދެވަނައަށް އެންމެ ބެސްޓް އެއާލައިނަކީ ސިންގަޕޯ އެއާލައިންސްއެވެ. ރާއްޖެއަށް ދަތުރުކުރާ އެހެން އެއާލައިނެއް ކަމުގައިވާ، ކޮރެއަން އެއާ ލައްވާލީ ލިސްޓުގެ ހަވަނައިގައެވެ.

އޭޝިއާ ޕެސިފިކް ސަރަހައްދަށް ބަލާއިރު އެންމެ ރަނގަޅު އެއާލައިނަކީ ސިންގަޕޯ އެއާލައިންސްއެވެ. ދެވަނާގައި އެއާ ނިއު ޒިލެންޑް ހިމެނުނު އިރު، ތިންވަނާގައި ވަނީ ކޮރެއަން އެއާއެވެ. ރާއްޖެއަށް ދަތުރުކުރާ ކެތޭ ޕެސިފިކް އެއާވޭސް އޮތީ އޭޝިއާ ޕެސިފިކް ސަރަހައްދީ ލިސްޓުގެ 10 ވަނާގައެވެ.

މީގެ އިތުރުން ރާއްޖެއާ ބެންގްކޮކާ ދެމެދު ދަތުރުކުރާ ބެންގްކޮކް އެއާވޭސްއަށް އޭޝިއާ ޕެސިފިކް ސަރަހައްދުގެ ލޯ ކޮސްޓް އެއާލައިންތަކުގެ ލިސްޓުން ވަނީ ދެވަނަ ލިބިފައެވެ.

ޓްރެވެލާސް ޗޮއިސްގެ މިއަހަރުގެ ހޮޓެލް ކެޓެގަރީގެ ބައިނަލްއަގުވާމީ އެކިއެކި ލިސްޓުތަކުގައި ރާއްޖޭގެ ޖޭއޭ މަނަފަރު، ކަނދޮޅު މޯލްޑިވްސް އަދި ބަރޮސް މޯލްޑިވްސް ވަނީ ހިމެނިފައެވެ.

comment ކޮމެންޓް