އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ޒަމާންވީ ތަސައްވުރު ހަގީގަތަކަށް ހަދަން، އަބޫދާބީގެ ސާހް ގުރޫޕަށް

އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ޒަމާންވީ ތަސައްވުރު ހަގީގަތަކަށް ހަދަން، އަބޫދާބީގެ ސާހް ގުރޫޕާއެކު އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ އެންމެ އުތުރުގެ އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ޒަމާންވީ ތަސައްވުރު ހަގީގަތަކަށް ހަދަން، ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީގެ ސާހް ގުރޫޕާއެކު ސަރުކާރުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އަބޫދާބީގެ ސާހް ގްރޫޕް ފޮ ޓެކްނިކަލް ސަވިސަސް އެލްއެލްސީ (ސާހް ގްރޫޕް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެއީ ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓްގެ ޚިދުމަތް ހިމެނޭހެން ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިގްތިސާދީ މައި މަރުކަޒެއް ގާއިމުކުރުމަށް ރާއްޖެއިން ޒަމާނުއްސުރެ ދެކެމުން އައި ތަސައްވުރު ޙަގީގީތަކަށް ހެދުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.

އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މަޝްރޫއު ކުރިއަަށްގެންދާނެ ގޮތުގެ ކުރެހުމެއް: އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރީ އަބޫދާބީގެ ސާހް ގުރޫޕާ -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޝިމާދު އިބްރާހީމެވެ. އަދި ސާހް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯ އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާ އެވެ.

ސާހް ގްރޫޕަކީ 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނާޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ފުޅާދާއިރާއެއްގައި ޙަރަކާތްތެރިވަމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.

އިގްތިސާދީ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އަދި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ގައުމާ މުޚާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވެވަޑައިގެންފައިވާ މުހިންމު ވަޢުދެކެވެ. އަދި "ވިޝަން 2040" ގެ ދުރު ރާސްތާ އިގްތިސާދީ ތަސައްވުރުގެ ދަށުން، ރާއްޖޭގެ އިގްތިސާދު އެހެން ދާއިރާތަކަށް ސިންދަފާތުކުރުމަށް އެޅޭ ވަރުގަދަ ބިންގަލެކެވެ.

ސަރުކާރުން ފާހަގަކުރި ގޮތުގައި، އިންޓަނޭޝަނަލް މެރިޓައިމްގެ މައި މަގެއް ކަމުގައިވާ 8-ޑިގްރީ ޗެނަލްއާ ކައިރީގައި އިހަވަންދިއްޕޮޅު އޮތުމަކީ، މެރިޓައިމް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކަށް ރާއްޖޭގެ ޖިއޮގްރަފިކަލް ސަރަޙައްދުގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ހިފުމަށް ލިބޭ ބޮޑު ފުރުސަތެކެވެ.

މި މަޝްރޫޢުގެ ދަށުން ބައިނަލްއަގްވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރަކާއި، މެރިޓައިމް އަދި ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން، ފަތުރުވެރިކަމާއި އެހެނިހެން ޚިދުމަތްތައް އެކުލެވޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއް ތަރައްގީކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
އޭގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިގްތިސާދީ ޙަރަކާތްތައް ފުޅާވެ، ސަރަޙައްދީ އަދި ބައިނަލްއަގްވާމީ ވިޔަފާރީގެ ވިއުގައިގައި ދިވެހިރާއްޖޭގެ ދައުރު ވަރުގަދަވާނެ ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

https://sun.mv/208965

ސަރުކާރުން ވަނީ، ފާއިތުވި އަހަރުތަކުގައި އެކި ސަރުކާރުތަކުން އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، މިއަދު ސޮއިކުރި އެއްބަސްވުމަކީ މި ތަސައްވުރު ޢަމަލީގޮތުން ޙަގީގީތަކަށް ހެދުމަށް އެޅުނު ހަރުދަނާ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަގުތުން ފެށޭނެ ކަމަށާއި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ދިވެހި ގައުމާއި ރައްޔިތުންގެ މަސްލަޙަތު އެންމެ ފުރިހަމައަށް ޙިމާޔަތްކޮށް، ދިގު މުއްދަތަކަށް ދެމެހެއްޓެނިވި މަންފާ ލިބޭނެހެން މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމައި، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ތަރައްގީވެފައިވާ ގައުމަކަށް ދިވެހިރާއްޖެ ހެދުން ކަމަށް ސަރުކާރުން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު -- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ސާހް ގުރޫޕަކީ، ޔޫއޭއީގެ އަލް ދަފްރާ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ތަރައްގީކުރަން، 1976އާއި 1981ގައި އުފެއްދި ދެ ކުންފުންޏެއް އެއްކޮށްގެން މިދިޔަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެއީ، އޮޕަރޭޝަންސްއާއި ލޮޖިސްޓިކްސްއާއި އިންވެސްޓްމެންޓްގެ މަސައްކަތްތައް ކުރަމުން އަންނަ ކުންފުންޏެކެވެ.

ސާހް ގުރޫޕުން ހަތަރު ޑިވިޝަނެއް ހިންގާއިރު، އޭގެ ތެރޭގައި އަލް ވަރާ، އޮއިލް އެންޑް ގޭސް އޮޕަރޭޝަންސް، ލޮޖިސްޓިކްސް އާއި އެމް އެންޑް އޭ ޕްރޮޖެކްޓްސް ހިމެނެއެވެ. އޭގެ ތެރެއިން އަލް ވަރާއަކީ ތެލާއި ގޭސްގެ ދާއިރާއަށް އުޅަނދާއި ވެހިކަލް ސަޕްލައިކޮށްދޭ ޑިވިޝަނެކެވެ. އަދި އޮއިލް އެންޑް ގޭސް ޑިވިޝަނުން އެއްގަމާއި ކަނޑުމަތީގައި ވެސް، ލުއި އަދި ބަރު މެޝިނަރީ ކުއްޔަށް ދޫކޮށް، އުޅަނދުތަކާއި މީހުން ވެސް މަޝްރޫއުތަކަށް ފޯރުކޮށްދެއެވެ.

އެ ގުރޫޕުގެ ލޮޖިސްޓިކްސް ޑިވިޝަނުން ކުންފުނިތަކާއި ސަރުކާރުތަކުގެ ބޭނުންތަކަށް، ސިނާއީ އަދި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް އުޅަނދާއި މެޝިނަރީ ކުއްޔަށް ދޫކުރެއެވެ. އަދި މެރިން ޑިވިޝަންގައި ކަނޑު އުޅަނދުތަކުގެ ފްލީޓްތަކެއް އޮވެއެވެ.

އެ ގުރޫޕުގައި 1،350 ވެހިކަލާއި، 700އަށްވުރެ ގިނަ ޕްރޮޖެކްޓް ޕްރޮފެޝަނަލުންނާއި 50އަށްވުރެ ގިނަ އިންޑަސްޓްރީ ލީޑަރުން ހަރަކާތްތެރިވާ ކަމަށް، ކުންފުނިން ފާހަގަކޮށްފައިވެއެވެ.

ހަމައެކަނި ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގުތިސާދަށް ހަކަތަ ގެނައުމަށްޓަކައި އާމްދަނީ ލިބޭ އިތުރު ކަންކަން ކުރަން މި ސަރުކާރުން ވަނީ ނިންމައިފައެވެ. އެފަދަ އެއް މަޝްރޫއެއްގެ ގޮތުގައި މި ސަރުކާރުން ވަނީ 2024ވަނަ އަހަރުގެ ސެޕްޓެންބަރު 19ގައި އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފަށައިފައެވެ.

އެ ޚިދުމަތް އެސްޓީއޯއިން ދެނީ ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ 'ވިޓޯލް'އާ ގުޅިގެންނެވެ. އެތައް ތާރީޚަކާއި ހެޑްލައިނެއް ހެއްދެވުމަށް ފަހު އެންމެ ފަހުން އެ ޚިދުމަތް ފެށީ, ބަނދަރެއް ނެތި، ކަނޑުގެ ސަރަހައްދުގައި ބޯޓެއް ބާއްވައިގެން ދޭ އޮފްޝޯ ބަންކަރިންގެ ޚިދުމަތެއްގެ ގޮތުގައެވެ. އެ ވިޔަފާރީން ރާއްޖޭގެ އިގުތިސާދަށް އަހަރަކު 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށް މިނިސްޓަރު ސައީދު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މިދިޔަ މެއި މަހު ސައީދު ވިދާޅުވި ގޮތުގައި، ބަންކަރިން ޚިދުމަތުން އޭޕްރިލް މަހުގެ ނިޔަލަށް ބިލިއަނެއްހާ ރުފިޔާ ވަނީ ލިބިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޔޫއޭއީގެ ކުންފުންޏަކަށް އިހަވަންދިއްޕޮޅު މަޝްރޫއު ހަވާލުކުރިއިރު، ރާއްޖޭގެ އެންމެ ބިޔަ އިންވެސްޓްމެންޓް މަޝްރޫއު ވެސް ހަވާލުކޮށްފައިވަނީ އެ ގައުމުގެ ކުންފުންޏަކާއެވެ. އެގޮތުން އެ ގައުމުގެ އީގަލް ހިލްސްއާ ވަނީ، 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ރަސްމާލޭގައި ހިންގުމަށް ހަވާލުކޮށްފައެވެ.

comment ކޮމެންޓް