އިންޑިއާގެ ލަވަކިޔުތެރިޔާ ކަނީކާ ކަޕޫރު ރާއްޖޭގައި

ކަނީކާ ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެއް ---

އިންޑިއާގެ މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިޔާ ކަނީކާ ކަޕޫރު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

މިދިޔަ އަހަރުގެ އެންމެ ސްޓައިލިޒް މިއުޒިކް ޝަހްޝިއްޔަތުގެ މަގާމު ލިބުނު ކަނީކާ ރާއްޖެ އައިސްފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ ތިން ކުދިންނާއި އާއިލާގެ މެމްބަރުންގެ އިތުރުން އެންމެ ގާތް ރަހުމަތްތެރިއާ އާއެކުގައެވެ.

އޭނާގެ އިންސްޓަގުރަމް އެކައުންޓުގައި ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކާ ވީޑިއޯތައް ހިއްސާކުރަމުންދާއިރު، އެ ފޮޓޯތަކުގައި ޓެގްކޮށްފައިވާ ގޮތުގައި، އޭނާ ޗުއްޓީ ހޭދަކުރަމުންދަނީ ކ. އަތޮޅުގައި އޮންނަ ތާޖު އެގްޒޯކިޓާ ރިސޯޓް އެންޑް ސްޕާގައެވެ.

އިންޑިއާގެ އެންމެ ލީޑިން ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އަދި ފިލްމުފެއާ އެވޯޑް ހާސިލްކޮށްފައިވަ ކަނީކާ ވަނީ އޭނާގެ އުމުރުން އެންމެ 18 އަހަރުގައި މަޝްހޫރު ވިޔަފާރިވެރިޔަކާ ކައިވެނިކޮށް، ދިރިއުޅުން ލަންޑަށް ބަދަލުކޮށްފައެވެ.

ނަމަވެސް، 12 އަހަރު ލަންޑަނުގައި އެކުގައި އުޅުމަށްފަހު އެ ދެމީހުން ވަނީ 2012 ވަނަ އަހަރު ވަރިވެފަ އެވެ. ވަރިވިއިރު ދެމީހުންނަށް ތިން ކުދިން ލިބިފައިވެއެވެ. ވަރިވުމަށްފަހު ތިން ކުދިންނާއެކު ކަނީކާ އުޅެމުންދިޔައީ އިންޑިއާގައި، އޭނާގެ އާއިލާއާއެކުގައެވެ.

ކަނީކާ ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ރާގިނީ އެމްއެމްއެސް 2"އެއްގައި ހިމެނޭ ލަވަ، "ބޭބީ ޑޯލް" އާއި ފިލްމު، "ހެޕީ ނިއު އިޔާ" އަށް ކިޔާފައިވާ "ލަވްލީ" އަދި "ކަމްލީ"ގެ އިތުރުން ފިލްމު "ރޯއީ" އަށް ކިޔައިދީފައިވާ ލަވަ، "ޗިޓިޔަ ކަލައްޔާ" ހިމެނެއެވެ.

އޭގެ އިތުރުން ޕްލޭބެކް ސިންގާގެ ދާއިރާއިން ގިނަ އެވޯޑް ތަކަކާއި ނޮމިނޭޝަންތަކެއް ލިބުނު، ފިލްމު "އުދްތާ ޕުންޖާބު"އަށް ކިޔާފައިވާ ލަވަ "ޑަ ޑަ ޑައްސޭ" ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް