ޒޯން އެކެއްގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި

ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ހދ. ކުޅުދުއްފުށި: އެޓީމުން ޗެމްޕިއަންކަން ހޯދީ ޒޯން އެކެއްގައި މާރަންދުއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެން --- ފޮޓޯ/ އެފްއޭއެމް

މިނިވަން ޗެމްޕިއަންޝިޕްގައި ހއ. މާރަންދޫ ބަލިކޮށް ޒޯން އެކެއްގެ ޗެމްޕިއަންކަން ހދ. ކުޅުދުއްފުށި ހޯދައިފިއެވެ.

އަމިއްލަ ރަށުގައި މިއަދު ހަވީރު ކުޅުނު ޒޯން އެކެއްގެ މެޗުގައި ހއ. އަތޮޅު ޗެމްޕިއަން މާރަންދޫގެ މައްޗަށް ހދ. އަތޮޅު ޗެމްޕިއަން ކުޅުދުއްފުށި ކުރި ހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

ޒޯން އެކެއްގައި ކުޅުނު ފުރަތަމަ މެޗުން ވެސް މޮޅުވީ ކުޅުދުއްފުށްޓެވެ. އެ މެޗުގައި މާރަންދޫގެ މައްޗަށް ކުޅުދުއްފުށި ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ކުޅުދުއްފުށިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 34 ވަނަ މިނެޓުގައި ކުޅުދުއްފުށްޓަށް އަންވަރު އާދަމް ލީޑު ހޯދައިދިންއިރު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ލީޑު ފުޅާކޮށްދިނީ ހުސައިން އަބްދުލް ރަޝީދެވެ.

މެޗުގެ ދެވަނަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މާރަންދޫން ޖެހި ލަނޑެވެ. އެޓީމަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ރަމީޒެވެ.

ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދި ކުޅުދުއްފުށި ދެން ކުރިމަތިލާން ޖެހޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރާއެވެ. އެ ބުރުގައި ވާދަކުރާނީ ހުރިހާ ޒޯނެއްގެ ޗެމްޕިއަން ޓީމުތަކެވެ.

comment ކޮމެންޓް