އެލްޖީއޭ ބޯޑުގެ ބާރު ރައީސަށް ލިބިދޭ ބިލް ބަލައިގަނެ ކޮމެޓީއަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލިސް ކުރާގެ ---

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި ކައުންސިލަރުން ނުހިމަނައި ބޯޑު އެކުލަވައިލާ ގޮތް ހެދުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ފޮނުވަން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މިއަދުގެ މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ ޕީޕީއެމް މެމްބަރު ޖައުފަރު ދާއޫދެވެ. ޖައުފަރު އިސްލާހު ހުށަހެޅުއްވީ އެލްޖީއޭގެ ބޯޑު މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ލާމަރުލަޒީ ގާނޫނުގެ 62 ވަނަ މާއްދާއަށް ބަދަލު ގެނައުމަށެވެ.

އެ ބިލް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ. ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 17 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މިހާރު ގާނޫނު ބުނާގޮތުން އެލްޖީއޭގެ ބޯޑުގައި ހިމެނިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކާއި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލް މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން ކަނޑައަޅާ ހަތަރު މެމްބަރުންނާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި އާންމު މެމްބަރެއްގެ އިތުރުން ސިޓީއެއްގެ ކައުންސިލް މެމްބަރެކެވެ.

އިސްލާހުގައިވާ ގޮތުން މިހާރު ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ބޯޑަށް އައްޔަން ކުރަންޖެހޭނީ ފަސް މެމްބަރުންނެވެ. އަދި ކައުންސިލަރުންގެ ތެރެއިން މެމްބަރުން އެކުލެވޭގޮތަށް މިހާރު ގާނޫނުގައި ބުނެފައިވީ ނަމަވެސް އެއަށްވެސް އިސްލާހު ގެނައުމަށް ވަނީ ހުށަހަޅައިފައެވެ.

އިސްލާހުގައިވާ ގޮތުން އެލްޖީއޭގެ ބޯޑުގައި ތިއްބަވާނީ ރައީސް އައްޔަން ކުރައްވާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން ކަނބަލަކާއި މަދަނީ ޖަމިއްޔާގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅަކާއި ޗީފް އެގްޒެކްޓިވް އޮފިސަރެކެވެ. ރައީސް އައްޔަން ކުރައްވާ އެ ފަސް މެމްބަރުންނަށް ރުހުން އޮތްތޯ މަޖިލިހަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.

އެލްޖީއޭއަކީ ކައުސިލުތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތާއި ކައުސިލްތަކުގެ ހަމަތަކާއި އުސޫލުތައް ބެލުމަށް ކަނޑައަޅާފައިވާ މުއައްސަސާއެކެވެ.

comment ކޮމެންޓް