އިތުބާރު ނެތް ކަމުގެ މައްސަލާގައި ދެން ވަންނާނީ މެޖޯރިޓީއާ އެކު: އިބޫ

އިދިކޮޅު ޕާޓީގައި ހިމެނޭ ބައެއް މެމްބަރުން މީޑިއާތަކާ ވާހަކަ ދައްކަނީ --- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެން މަޖިލީހަށް ވައްދާނީ ފުރިހަމަ މެޖޯރިޓީއާ އެކު ކަމަށް ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު(އިބޫ) ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ދުރުކުރުމަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނީ 42 މެމެބަރުންގެ ސޮޔާ އެކު ކަމަށް މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ ޖަލްސާއަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުން އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ކުރުމަށް މިއަދު ފާސްކުރި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހެއް ކަމަށެވެ. ނަމަވެސް ހިލާފުވެފައި ވަނީ ގާނޫނު އަސާސީގެ ކޮން މާއްދާއަކާ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން މަޖިލީހުން ނިންމާ ނިންމުންތަކާ ބެހޭ ގޮތުން އެއްވެސް ކޯޓަކަށް އެ މައްސަލައެއް ނުދެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"މިހާރު އެ ގެނައި އިސްލާހު އެ އޮތްގޮތަށް އަޅުގަނޑުމެނަށް ޖެހޭނީ އުސޫލެއްގެ ގޮތުން އަމަލުކުރަން. އެއީ 42 މެމްބަރުންގެ ސޮޔާ އެކު ދެން މަޖިލީހަށް މައްސަލައެއް ވެއްދޭނީ ނުވަތަ ހުށަހެޅޭނީ. ދެން އަޅުގަނޑުމެން ކާމިޔާބު ކުރާ ކަމުގައި ވަނީ ނަމަ އަޅުގަނޑުމެންގެ މިއޮތް މެޖޯރިޓީއާ އެކު ދެން ވަންނާނީ،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެން ވެސް ކުރިއަށް ދާނީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެގޮތަށް ގޮސް މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ދުރުކުރާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސް މަގާމުން ދުރުކުރުމުގެ މަސަތްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ވިދާޅުވީ ފާޅުގައި މިއަދުގެ ސަރުކާރާ ދެކޮޅަށް ނިކުންނަން ނުކެރި ވަރަށް ގިނަ މެމްބަރުންތަކެއް އެބަ ތިބި ކަމަށާއި ސަރުކާރާ ދެކޮޅަށް ނިކުންނަ މެމްބަރުންނަށް ކުރިމަތިވާ ދުއްތުރާ ވަރަށް ރަނގަޅަށް ފެންނަމުން ދާ ކަމަށެވެ.

"ސަރުކާރަށް އެގިއެއް ނުލައްވާ ވޯޓް ދޭ ދުވަހު މި ވޯޓްގައި ސަރުކާރާ އެއްކޮޅަށް މަޖިލީހުގެ ރައީސް އަދި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވަން ތިއްބެވީ ކޮން މެމްބަރުންނެއް ކަމެއް. މިހާރު މި ލާޒިމް ކުރެއްވީ އެބޭފުޅުން ވޯޓް ނެގުމުގެ ދެ ހަފްތާ ކުރިން ހާމަކުރައްވަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ މިހާރު ފެށިފައިވާ މަސަތްކަތް ހުއްޓާ ނުލާނެ ކަމަށާއި އެއް ދުވަހުން އަނެއް ދުވަހަށް ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާ އިސްލާހު ކުރުމަށް އާންމު ކޮމެޓީން ހުށަހެޅި އިސްލާހު ފާސްވީ 46 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ވޯޓުގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެފައެއް ނުވެ އެވެ.

comment ކޮމެންޓް