މިދިޔަ މަހުގެ އަށްވަނަ ދުވަހު ރިލީޒް ކުރި ޔާރާ ޕްރޮޑަކްޝަންގެ ފިލްމް، "ވިޝްކާ" ޕްރިމިއަރ ކުރުމުގެ ޝަރަފު ލިބަގަންނަމުން ކުޅަދާނަ ޑައިރެކްޓަރު ފާތިމަތު ނަހުލާ ވަނީ އޭނާގެ ކުރިޔަށް އޮތް ފިލްމު "ބޮސް" ޑައިރެކްޓް ކޮށްދިނުމަށް ބަތަލާ އައިޝަތު ރިޝްމީގެ އަަށް ހުށަހަޅާފައެވެ. ރިޝްމީ އެ ހުށަހެޅުން ގަބޫލު ކުރިތޯ ނުވަތަ ނޫންތޯ އެއީ ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލެކެވެ. އެމީހުންނަށް ރިޝްމީ ޖަވާބު ދީފިއެވެ. "ބޮސް" ގެ ޑައޮރެކްޝަނާ ރިޝްމީ ހަވާލުވެއްޖެއެވެ.
ރިޝްމީއަށް އެ ފުރުސަތު ދެމުން ނަހުލާ ބުނީ، ރިޝްމީއާ މި މަސައްކަތް ހަވާލުކުރީ އަބަދުވެސް އޭނާގެ ހިތުގައި ރިޝްމީގެ ނަން އޮންނާތީ ކަމަށާއި، "ބޮސް" އަކީ އޭނާ އެންމެ ފުރިހަމައަށް ހަދަން ބޭނުންވާ ފިލްމަކަށް ވާތީ އެ މަަސައްކަތް ރިޝްމީއަށް ކުރެވޭނެތީ ކަމަށެވެ.
ނަހުލާ ބުނީ، ރިޝްމީ އަކީ ވަރަށް ކޮމިޓްމަންޓް ވަރުގަދަ މީހެއް ކަމަށާއި ރިޝްމީއަށް އޭނާ އެކޭ އެންފެންވަރެއްގައި މަސައްކަތް ކޮށްލެވޭނެ ކަމަށެވެ. އަދި ރިޝްމީއަށް އެ ފިލްމު އެންމެ ފުރިހަމައަށް ޑައިރެކްޓް ކޮށްދެވޭނެ ކަމަށްވެސް ނަހުލާ ބުންޏެވެ.
މިއީ ނަހުލާއާ އެކު ރިޝްމީ ޑައިރެކްޝަނެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެއް ނޫނެވެ. ރިޝްމީ ވަނީ "ވަކިވުމުގެ ކުރިން" ޑްރާމާ ސިލްސިލާގެ ޑައިރެކްޝަނުގައި ނަހުލާ އާ އެއްކޮށް ބައިވެރިވެފައެެވެ.
"ބޮސް" އަކީ ހަތް އަހަރު ފަހުން ރިޝްމީ ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމެވެ. އެންމެ ފަހުން ރިޝްމީ ޑައިރެކްޓް ކޮށްފައިވަނީ 2010 ވަނަ އަހަރު ރިލީޒް ކުރި ޔާރާ ޕްރޮޑަކްޝަންގެ ފިލްމު،"ފަނާ" އެވެ. އެ ފިލްމުގައި ރިޝްމީ ވަނީ މުހިއްމު ރޯލެއް ވެސް ކުޅެފައެވެ.
އަންނަ ޖޫން މަހު ޝޫޓިން ފަށަން ހަމަޖެހިފައިވާ "ބޮސް" ގެ ލީޑު ރޯލު ކުޅެން ހަމަޖެހިފައިވަނީ ރިޝްމީގެ ކޮއްކޮ މަރިޔަމް އައްޒަ އެވެ. އައްޒަ އާއި އެކު ދެން ފެންނާނީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުން ފަންނާނެކެވެ.
"ބޮސް"ގެ ހުރިހާ މަސައްކަތެއް ނިމި އަހަރުގެ ފަހު ކޮޅު ސްކްރީނަށް އަންނާނެ ކަމަށް ނަހުލާ ބުނެއެވެ.