މާރަންދޫ ބަލިކޮށް، ކުޅުދުއްފުށި ޒޯން އެކެއްގެ ޗެމްޕިއަން ހޯދުމާ ދިމާލަށް

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގައި މާރަންދުއާއި ކުޅުދުއްފުށި ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ކުޅުދުއްފުށި މޮޅުވީ 2-0 ލަނޑުގެ ނަތީޖާއަކުން --- ފޮޓޯ/ އެފްއޭއެމް

ހއ. މާރަންދޫ ބަލިކޮށް، ހދ. ކުޅުދުއްފުށިން މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

ހއ. ހޯރަފުށީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހއ. އަތޮޅުގެ ޗެމްޕިއަން މާރަންދޫގެ މައްޗަށް ހދ. އަތޮޅުގެ ޗެމްޕިއަން ކުޅުދުއްފުށި ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗަކީ މާރަންދޫގެ ހޯމް މެޗެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ކުޅުދުއްފުށިން ކާމިޔާބުކުރި ދެ ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި ކުޅުދުއްފުށީގެ ފުރަތަމަ ލަނޑު ހުސައިން އަބްދުލް ރަޝީދު ކާމިޔާބުކޮށްދިންއިރު، މެޗުގެ 29 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ހަސަންއެވެ.

ޒޯން ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ކުޅުދުއްފުށީގައި ކުޅޭ ދެ ވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރެވެ. އެ މެޗަށްފަހު އެގްރިގޭޓުން ކުރި ހޯދާ ޓީމަކަށް ޒޯން އެކެއްގެ ޗެމްޕިއަންކަން ލިބޭނެއެވެ. ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތައް ފައިނަލް ބުރަށް ދަތުރުކުރާނެއެވެ.

comment ކޮމެންޓް